
އަރާނެ ގޮޅި ހުސްވުމަކީ ޕީޕީއެމްގެ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ. މުހައްމަދު މިހެން ވިދާޅުވީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާކަންވެސް ކުރައްވަމުން އަންނަ މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވެފައިވަނީ، ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޚިޔާލު ތަފާތުކަމަށް ބުނެ، ރައީސް ސޯލިހާއި އެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި، ޕީޕީއެމްއާއި އެކު ސިޔާސީ މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މުހައްމަދުގެ ޓްވީޓުގައި ވަނީ، ރައީސް ނަޝީދުގެ އިޚްލާސްތެރިކަމެއް ހުރި ނަމަ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާފައެވެ.
ހަމައެއާއިއެކު ރައީސް ޔާމީން މިނިވަން ނުކުރަނީސް ވެދެވޭނެ އެއްވެސް އެހީއެއް، އަދި ދައްކާނެ އެއްވެސް ވާހަކައެއްވެސް ނެތްކަމަށް މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުގެ، ޕާޓީ ވަނީ ދެބައިވުމާ ގާތަށް ގޮސްފައެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެމެދު ވެސް ދަނީ ހޫނު ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ.