މަޖިލީހުގެ ދެވަނަ ދައުރުގައި ނިންމާލެވުނީ މަދު މަސައްކަތްތަކެއް!

މަޖިލީހުގެ ނިމިދިޔަ ދެވަނަ ދައުރުގައި ނިންމާލެވިފައިވަނީ މަދު މަސައްކަތްތަކެކެވެ. އެ ގޮތުން މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ނިންމާލެވިފައިވަނީ %39.4 މަސައްކަތެވެ. އަދި ނުނިމި %60.6 މަސައްކަތް އެބަ ހުއްޓެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ރިޕޯޓުން ދައްކާ ގޮތުގައި 16 ބިލެއް ވަނީ މަޖިލީހަށް ހުށައެޅިފައެވެ. ކުރީ ދައުރުގެ ބިލު ތަކާއެކު ޖުމުލަ 41 ބިލެއް އޮތްއިރު، މަޖިލީހަށް ނިންމާލެވިފައިވަނީ 9 ބިލެއްގެ މަސައްކަތެވެ. މީގެ އިތުރުން 25 ބިލެއް ވަނީ ކޮމެޓީ މަރުހަލާގައެވެ.
މީގެ އިތުރުން މަޖިލީހުގެ ދެވަނަ ދައުރުގައި ސަރުކާރުން ވަނީ 7 މައްސަލައެއް ހުށައަޅާފަައެވެ. ކުރީ ދައުރުގަ ނުނިމި ހުރި މައްސަލަ ތަކާއެކު މަޖިލީހުން ވަނީ ސަރުކާރުން ހުށަހެޅި 8 މައްސަލެއް ނިންމާފައެވެ.
ނިމުނު ދައުރުގައި ވަނީ އެކިއެކި މައްސަލަ ތަކުގައި މަޖިލީހުގެ ޖަލްސާގެ އިތުރުން ލިޔުމުން 6 ފަރާތަކާއި މަޖިލީހުން ސުވާލު ކޮއްފައެވެ.
މީގެ އިތުރުން އެހެނިހެން މައްސަލަތަކާއި ގުޅޭ 9 ރިޕޯޓެއް ވަނީ މަޖިލީހަށް ހުށައަޅާފައެވެ. އޭގެ ތެރެއިން 4 މައްސަލައަކާއި ގުޅޭ ރިޕޯޓް ނިންމާލެވުނު އިރު، 5 މައްސަލައަކާއި ގުޅޭ ރިޕޯޓުގެ މައްސަލަ އޮތީ ނުނިމިއެވެ.
ނިމި ދިޔަ ދައުރުގައި މަޖިލީހުން ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ 6 މޭ ގައި މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ރެޕޯޓް އެކުލަވާލުމުގެ މަސައްކަތެވެ.