ޚަބަރު

އަހަރު ނިމެން ކައިރިވަނީ، ދަރަނި 101 ބިލިއަނަށް!

މި އަހަރުގެ ފުރަތަމަ ތިން ކުއާޓާ ނިމުނުއިރު ދައުލަތުގެ ދަރަންޏަށް 101 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން މާލީ ވުޒާރާގެ ތަފާތްހިސާބުތަކުން ދައްކައިފިއެވެ

މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަންޏަކީ 94.4 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި އެކަނި ދައުލަތުގެ ދަރަންޏަށް 6.6 ބިލިއަން ރުފިޔާވަނީ އިތުރުވެފައެވެ. އެކަމަކު މި އަހަރުގެ މިހާތަނަށް ގައުމީ އުފެއްދުންތެރިކަން އިތުރުވުމުގެ ސަބަބުން، އެ ނިސްބަތުން ދަރަނި ހުރި މިންވަރު ވަނީ ކުޑަވެފައެވެ. މި އަހަރުގެ ތިންވަނަ ކުއާޓާގެ ނިޔަލަށް ބަލާއިރު، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތްހުރީ 106 އިންސައްތައިގައެވެ. އެހެން ނަމަވެސް ނިމުނު އަހަރުގެ ނިޔަލަށް އެ ނިސްބަތްހުރީ 114 އިންސައްތައިގައެވެ.

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުނުއިރު، ދައުލަތުގެ ޖުމްލަ ދަރަންޏަކީ 60 ބިލިއަން ރުފިޔާއެވެ. އެއީ ކުރީގެ ސަރުކާރުތަކުގެ ދަރަނި ހިމަނައިގެން ޖެހޭ މިންވަރެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިހާތަނަށް ދަރަންޏަށް ޖުމްލަ 40.8 ބިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ.

ބޭރުން ނަގާފައިވާ ދަރަންޏަކީ 44.5 ބިލިއަން ރުފިޔާ ކަމަށް ވާއިރު، އެތެރޭގެ ބާޒާރުން ނަގާފައިވާ ޖުމްލަ ދަރަނި 56.5 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ދަރަނީގެ ގޮތުގައި ސަރުކާރުން ނަގާފައިވާ ދަރަންޏަކީ 87.3 ބިލިއަން ރުފިޔާއެވެ. އަދި ގަރަންޓީގެ ގޮތުގައި ނަގާފައިވާ އަދަދު 13.7 ބިލިއަން ރުފިޔާއަށް އަރައެވެ.

ފާއިތުވި މަހުގައި އެކަނިވެސް އިންޑިއާގެ އެގްޒިމް ބޭންކުން 100 މިލިއަން ޑޮލަރު އަދި ސްޓޭޓް ބޭންކު އޮފް އިންޑިއާ މެދުވެރިކޮށް 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. މީގެ އިތުރުން މި ހަފްތާގެ ތެރޭގައި މަރުކަޒީ ބޭންކުން ކަރަންސީ ސްވޮޕްގެ ގޮތުގައި އިތުރު 400 މިލިއަން ރުފިޔާ ނެގުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button