ކޮލަމް

ހަމަ ހަގީގަތުގައިވެސް އައިއެމް ސޮރީއޭ ބުނީ ހެއްޔެވެ؟

 

ތިމާއަށް ކުށެއް ކުރެވުނުކަމަށް ޤަބޫލުކުރެވުމުން އެކަމަށް މަޢާފަށް އެދުމަކީ ރީތި ސިފައެކެވެ. ދައްކަން މި އުޅެނީ ރައްޓެވިވެގެން އުޅޭ ދެމީހަކު މައްސަލަ ޖެހި އެކަކު އަނެކަކު ކައިރިން މަޢާފަށް އެދިގެން އުޅޭ ވާހަކައެއް ނޫނެވެ. ދައްކަން މި އުޅެނީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އުފެދުނު އެންމެ ނުފޫޒުގަދައް އެއް ސިޔާސީ ލީޑަރު ކަމައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވާހަކައެވެ.

މި ހަފްތާގައި އަޅުގަނޑުމެންނަށް ހައިރާންކަން ލިބިގެންދިޔައީ ރައީސް ނަޝީދު އަމިއްލަފުޅަށް މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލް ކައިރިން މަޢާފަށް އެދި ދެން ”އެކަހަލަ“ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ކުރެވުނީތީ ”މަޢާފަށް“ އެދުނު ވާހަކައެވެ. ރައީސް ނަޝީދަކީ ސިޔާސީގޮތުން އެމަނިކުފާނު ނުރުހޭ މީހުން ”ސައިޒް“ ކުރައްވަން އެނގިވަޑައިގަންނަވާ ކުޅަދާނަ ސިޔާސީ ލީޑަރެކެވެ. އަމިއްލަ ޕާޓީ ތެރެއިންވެސް އެމަނިކުފާނު ނުރުހޭ ނުފޫޒުގަދަ ސިޔާސީ ލީޑަރުންވެސް އެއްފަރާތް ކުރައްވަން އެނގިވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. ރާއްޖޭގައި އާރާއި ބާރާއި ނުފޫޒު އޮވެގެން 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށްވެސް ރައީސް ނަޝީދު މައިތިރި ނުކުރެވުނެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މީހަކު ބުނެފައި އޮތްތައް ފެނުނެވެ. ”އަންނި މައިތިރި ކުރެވޭ ވަރުގެ މީހެއް އުފަން ވެއްޖެއެވެ.“

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުގެ އިޤްތިޞާދީ ވަޒީރަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުގެ އިތުރުން ސިޔާސީ ގޮތުން ރައީސް ޞޯލިހަށްފަހު މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅަކީ ފައްޔާޒު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ބައެއް މީހުން މިނިސްޓަރ ފައްޔާޒް ސިފަ ކުރައްވަނީ ރައީސް ސޯލިހު ސަރުކާރުގެ ”ބްރޯ“ ގެ ގޮތުގައެވެ. އަނެއް ބަޔަކު ފައްޔާޒު ސިފަ ކުރައްވަނީ ރައީސް ސޯލިހު ސަރުކާރުގެ ބާރު ދެއްކުމަށް ލިބިފައިވާ ނިއުކްލިއަ ހަތިޔާރުގެ ގޮތުގައެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ހިސާބުން ކުޑަ އިރުން ފެށިގެން އެންމެ ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސިޔާސީ ވާދަވެރިކަން ޢާއްމުންނާ ހަމައަށް ތިލަވާން ފެށިއެވެ. މިއާއެކު އެމްޑީޕީ ތެރޭގައި ހަޤީގަތުގައިވެސް ދެ ފެކްޝަން އުފެދިފައިވާކަން ޢާއްމުންނަށް ހާމަވިއެވެ. ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަންގެ ހަނގުރާމަ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ފެށިއެވެ. މި ހަނގުރާމަ އިތުރަށް ފުޅާވެގެން ދިޔައީ ރައީސް ނަޝީދުގެ ފެކްޝަނުން މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ފެއްޓެވުމާއި އަދި އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބާއި އެމްޑީޕީ ޗެއަރޕާސަންގެ އިންތިޚާބާއެކުއެވެ. ދެ ފެކްޝަންގެ ދެމެދުގައި އެކަކު އަނެކަކަށް ވަގަށް ގޮވުމާއި، ބޮޑެތި ހުތުރު ތުހުމަތުތައް ކުރަމުން ދިޔައިރު އާންމުން ތިބީ ކުޅިބަލާށެވެ. މި ހުރިހާ ކަމެއް ހިނގައިދިޔަ އިރުވެސް ރައީސް ސޯލިހު ހުންނެވީ ”ރިއެކްޓް“ ނުކުރައްވައެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ރައީސް ސޯލިހުގެ ލަޝްކަރު ލީޑް ކުރެއްވި ތަން ފެނުނީ މިނިސްޓަރ ފައްޔާޒެވެ.

ހަނގުރާމައިގެ މައިދާން މައިތިރި ވީއިރު އެތައް އަހަރެއް ވަންދެން މޮޑެން ގެންގުޅޭ ފުއްގަނޑެއްހެން ރައީސް ނަޝީދު ނުފޫޒް ފޯރުވިކަމަށް ތުހުމަތު ކުރެވޭ އެމްޑީޕީ އެމަނިކުފާނުގެ އަތުން ބީވެއްޖެއެވެ. ޕާޓީގެ ރައީސް އަކީ ރައީސް ނަޝީދުނަމަވެސް އެއީ ހަމަ ރަމްޒީ މަޤާމެކެވެ. އެމްޑީޕީ އަސާސީ ޤަވައިދުން އުފައްދާފައިވާ ”އިސްލީޑަރ“ އަކީ ރައީސް ސޯލިހުއެވެ. އެމްޑީޕީ ޤައުމީ މަޖިލީހުގެ ފުލް ކޮންޓްރޯލް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައެވެ. އެމްޑީޕީއަށް ލިބިފައިވާ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ކޮންޓްރޯލްވެސް އޮތް ކަމަށް ބެލެވެނީ ރައީސް ސޯލިހުގެ އަތްޕުޅުގައެވެ. މި ހުރިހާ ކަމެއް ރައީސް ސޯލިހަށް ފަހިވެގެން ދިޔައީ އެމަނިކުފާނު ”ރިއެކްޓް“ ނުކުރައްވައި ހުންނެވި ނަމަވެސް ރައީސް ސޯލިހުގެ ފަރާތުން ވަރަށް އެކްޓިވް ވަޒީރެއްގެ ބާރާއި ނުފޫޒު އޮވެގެން ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

މުސްކުޅިން ބުނެ އުޅޭ ހަރު ބަހެއް އޮވެއެވެ. ބަސް ނުވިކޭ އޮޑީގެ ދިރުނބާ ކޮޅަށް ނާރާށެވެ. މިއަދު ރައީސް ނަޝީދު އެ ހުންނަވަނީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅުގައެއް ނޫންތޯއެވެ؟ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ލިވާތު ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއެކު އެމަނިކުފާނުގެ އެންމެ ފަހު ކާޑު ކުޅުއްވި އެވެ. ރައީސް ސޯލިހު ބްލެކް މެއިލް ކުރެވޭވަރުގެ ފޮޓޯ ހުރިކަމަށް ވިދާޅުވެ ގޮތް ދޫ ނުކުރައްވައި ގަދަ ދައްކަވަން ފެއްޓެވިއެވެ. މިއާއެކު ކުއްލިއަކަށް ”ފިލްމީ މަންޒަރެއް“ ގޮތަށް އެމަނިކުފާނުގެ ފޯނު ”ޖަހައިގަނެގެން“ މީހަކު ދިޔަ ވާހަކަ ވިދާޅުވެ، ގެއްލުނު ފޯނާއެކު ރައީސް ނަޝީދުގެ ތަރި އޮއްސުނީއެވެ. އެމްޑީޕީގެ ރޫޙާނީ ލީޑަރުގެ ގޮތުން މަޝްހޫރުވެފައިވާ، އެޕާޓީގެ ޢާންމު މެންބަރުންނާ ހިތާއިހިތުގެ ގުޅުމަކުން ގުޅިފައިވާ ނުފޫޒުގަދަ ރައީސް ނަޝީދު މިނިސްޓަރ ފައްޔާޒު ކުރިމަތީގައި ކުޑަކަކޫ މައްޗަށް ތިރިވީ ހެއްޔެވެ؟ ހަމަ ހަޤީގަތުގައިވެސް އައި އެމް ސޮރީ އޭ ވިދާޅުވީ ހެއްޔެވެ؟

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button