ޚަބަރުސިޔާސީ

50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމުކުރުމަށް ބޮޑު މަޝްރޫއެއް މިއަހަރު ފަށާނަން: ރައީސް

ލާމަރުކަޒީ ދުވަހުގެ ތަހުނިޔާ ހުރިހާ ކައުންސިލަރުންނަށާއި އ.ތ.މ ކޮމިޓީގެ މެންބަރުންނަށް ދަންނަވައި، މިއަހަރު ތެރޭގައި 50 ރަށެއްގެ ރަށު ކައުންސިލް އޮފީސް ގާއިމު ކޮށްދެއްވުމަށްޓަކައި ބޮޑު މަޝްރޫޢެއް ފެށުމަށް މަސައްކަތް ކުރައްވާކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ. މަކުނުދޫގެ ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އިންވެސްޓަރ ފައިނޭންސް މޮޑެލްގެ ތެރެއިން ފައިސާ ހޯދައިގެން ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގެ ކައުންސިލް އިދާރާގެ އިމާރާތް ތަރައްޤީ ކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި މި 50 ރަށް ޚިޔާރުކުރާއިރު އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ، އެންމެ ގިނަ ދުވަސްވީ ރަށްތަކަށް އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއަހަރު ތެރޭގައި މި މަޝްރޫޢު ފައްޓަވައިދެއްވާނީ 50 ރަށުގައި އެއްފަހަރާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

”ހަޤީޤީ މާނާގައި ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ހިންގުމުގެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުންނާ ގާތުން ޚިދުމަތްކުރުމަކީ އަޅުގަނޑު ހަމަ ބޭނުންވާ ގޮތް“ ރައީސް ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މަކުނުދޫގައި ހަދާ އެއާޕޯޓުގެ ރަންވޭ 1800 މީޓަރު ދިގު ރަންވޭއެއްގެ ގޮތުގައި ހަދައިދެއްވާނެކަމުގައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫޢުގެ ސަބަބުން މުޅި ރަށަށް ތަރައްޤީ ލިބިގެންދާގޮތަށް ކުރިއަށް ގެންދަވާނެކަމަށާއި، މަކުނުދޫގެ މަގު ހެދުމަކީ ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، އެކަން ވަޢުދު ވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހއ. އާއި ހދ. އަދި ށ. އާއި ނ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button