ކޮލަމް

އަޅުވެތިކަމުގެ މިސްރާބު ބަދަލު ކުރެވޭނީ ”ދަށުނުވެ“ ހުންނެވި ލީޑަރަކަށެވެ.

ދިވެހި ރައްޔިތެއްގެ އެންމެ ބޮޑު ޝަރަފަކީ އޭނާގެ މިނިވަންކަމެވެ. ދިވެހިން މާނަ ކުރާ އަސްލީ މިނިވަންކަމަކީ އިސްލާމް ދީނުގެ އަސާސްތަކާއި، ކާބަފައިންގެ ރީތި އާދަކާދަ ތަކުގެ މައްޗަށް ބިނާވެފައިވާ ސާދާ ދިރިއުޅުމެވެ. އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ވާއިރު، ދިވެހި ދިދަ ވިހުރެނީ މި އަސާސްތަކުގެ ދިފާއުގައެވެ. މިނިވަންކަން ހައްދުން ނެއްޓިފައިވާނަމަ ދިދައިގެ ދެ ކަން އައްސާފައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. އަނެއް ދެ ކަން ވިހުރެމުންދާއިރު ރަމްޒު ކޮށްދެނީ މިނިވަންކަމުގެ ހުދޫދެވެ. މި އަސާސްތަކުގެ މައްޗަށް ގާނޫނުތައް ހަދައި، ރައްޔިތުން އެ ގާނޫނުތަކަށް ބޯލަނބަމުން އަންނަނީ ދައުލަތުން ބުނެގެނެއް ނޫނެވެ. ދިވެހި ދިދައިގެ ކުލަތަކުން ކާބަފައިންގެ ގުރުބާނީއާއި، އަމާންކަމަށް ލޯބި ކުރާ މުޖުތަމައަކާއި، އިސްލާމީ ރިވެތި އުސޫލުތައް ހަނދާން ކޮށްދެއެވެ. އޭގެ ތަރަހައިން ބޭރުވީ ކޮންމެ ބަޔަކާ ދެކޮޅަށް ދިވެހިން ނިކުމެ ނަސްރާއި ފަތަހަ ހޯދިކަން ތާރީހު ހެކިދެއެވެ.

މިއަދުވެސް މިގައުމުން ފެންނަނީ ގާނޫނަކަށް ގަވައިދަކަށް ބެލުމެއް ނެތި ދައުލަތް ލޫޓުވަމުން ހިންގާ ހުދުމުހުތާރު ވެރިކަމެކެވެ. ފެންނަނީ ދިވެހި ދިދައިން ރަމްޒުކޮށްދޭ ކަންކަމަށް ބެލުމެއް ނެތި ހިތު ހުރިގޮތަކަށް ވެރިކަން ކުރަމުން އަންނަ ”މަވެތި“ ލީޑަރުންތަކެކެވެ. އަރުވާޖަހައިގެން ބައި ބަހައިގެން ޖަމާއަތް ހަދައި، ދައުލަތުގެ ތެރެއިން އަތު ޖެހުނު އެއްޗެއް އަންބޮޑިއަށް ލަމުން ދާއިރު، ވެރިކަމުގެ ލައްޒަތުގައި ދިވެހި މިނިވަން ޖައްވު ކިލަނބު ކުރަމުން ދަނީ ހިޔާލެއް ފިކުރެއް ނެތިއެވެ.

އިންޑިއާއިން ރާއްޖޭގައި ހަންފަތުރަމުންދާ ގޮތުގެ މައްޗަށް އަލި އަޅުވައިލުމެއް

އަވަށްޓެރި އިންޑިއާ އާއިއެކު ސަރުކާރުން ހެދި ޑޯނިއާ މަތިންދާ ބޯޓުގެ އެއްބަސްވުމާއި، ހެލިކޮޕްޓަރުގެ އެއްބަސް ވުމާއި، ދިވެހި ކަނޑުތަކުގެ ޗާޓު ކުރެހުމަށް ހެދި ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގެ އެއްބަސްވުމާއި، އައްޑޫ ސިޓީ ހިތަދޫގައި އެގައުމުން ހަދާ ޕޮލިސް އެކަޑަމީގެ އެއްބަސްވުމުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތްކަމަށް ވާހަކަ ދެއްކުމަށްފަހު އެ އެއްބަސްވުންތައް ހޯދުމަށް ނޫސްވެރިންނާއި، އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ފެށުމުން، އެފަދަ އެއްބަސްވުމެއް ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ ”މަތި“ ޖެހީއެވެ.

އައްޑޫގައި ކޮންސުލޭޓެއް ގާއިމްކުރުމަށް އިންޑިއާގެ ޔޫނިއަން ކެބިނެޓުން ނިންމި އިރު ދިވެހި ސަރުކާރަކަށް ނޭނގެއެވެ. އިންޑިއާގެ މަސް ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ވަގަށް މަސްވެރިކަން ކުރާއިރު، ސަރުކާރަކަށް ނޭނގެއެވެ. އެނގުނަސް ދެނަހުރިކަމަކަށްވެސް ނަހަދަނީއެވެ. އާންމުންގެ ޕްރެޝަރާއެކު ސަރުކާރުން ބުނާގޮތުގައި އެއީ އެގައުމުގެ ނިންމުންތަކެވެ. އެކަމުގައި ސަރުކާރުން ނިންމާގޮތް ފަހުން ހާމަކުރާނެއެވެ. ހާމަކުރާ ދުވަހެއް ނާދެއެވެ. ބަނގުރާ ބޮއެގެން މާތްﷲ އާއި ރަސޫލާ ސއވ އާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ފުރުވައިލީއެވެ. އޭނާވެސް ބުނިގޮތުގައި އެމީހުން ހަދާނީ ބޭނުންގޮތެކެވެ. އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި އިންޑިއާ ބަޔަކުވެސް ކޮންމެވެސް ތަނަކު ވެއްޖެއެވެ. އެމީހުން ހިފާ ހައްޔަރުކޮށް ޝަރީއަތް ކުރެވޭނެ ކޯޓެއް ނެތެވެ. ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު އިންޑިއާ ހައި ކޮމިޝަނުން ފުރުވާލައިގެން އޭނާ ހޯދަން ފުލުހުންނަށް ޖެހުނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރޭށެވެ. އިންޑިއާ ޓީޗަރަކު ދަރިވަރުންނަށް ނަސާރާ ދީނުގެ އަޅުކަމަށް ބޭނުންކުރާ ކްރިސްމަސް ގަހެއް ހެއްދުމުންވެސް ސަރުކާރުން ބުނީ އެއީ ނިކަ ގަހެއް ކަމުގައެވެ. ކްރިސްމަސް ގަހެއް ނިކަގަހަކަށް ބަދަލުވީއެވެ.

ކޮށްދިއްޕަރު ފިނޮޅުގައި އޮންނަ އަމީންގިރީގައި މަސައްކަތް ކުރާ އިންޑިއާ މީހަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ތަހުގީގު ކުރޭތޯ، ހައްޔަރު ކުރިތޯ ފުލުހުންނާ ސުވާލު ކުރުމުން ކަހާތަން ހިރުވައިވެސް ނުލިއެވެ. ފ.ބިލެތްދޫގައި ބުދުކޯލި ހިފައިގެން ރަށުތެރޭގައި އިންޑިއާ ބަޔަކު ހިނގައިފިއެވެ. ބަލި އިންޕޯޓު ވިޔަސް އިންޑިއާ މީހުންގެ ވޯކް ވިސާއަށް މެޑިކަލް ހައްދާކަށް ނުޖެހެއެވެ. ފޭދޫ ހިއްކި ބިމުގައި ޖަހަން ބަހައްޓާފައި ހުރި ބޮޑު ހިލަކޮޅުވެސް ޕޮލިސް އެކެޑަމީ ހަދާ އިންޑިއާގެ ކުންފުނިން ”ދަމައިގަތީއެވެ.“ އާންމު ބިޑަކަށް ނުގޮސް ފުލުހުންގެ 48 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫއެއް އިންޑިއާ ކުންފުންޏަކަށް ދީފިއެވެ. އިންޑިއާ އެމްބަސީގެ ނުފޫޒުން ދިވެހި އިސްލާމް ފޮތްތަކެއް ޗާޕު ކުރުން ހުއްޓުވައިފިއެވެ. 1 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އެގައުމުން ރާއްޖެ އެތެރެކުރަން އުޅެފިއެވެ. ދިވެހި ރުފިޔާގެ އައު ނިޝާން، އިންޑިއާ ރުޕީސްގެ ނިޝާނުގެ ނަކަލަކާ ވައްތަރުވީވެސް އިއްތިފާގަކުން ހެއްޔެވެ؟ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ދިވެހިން ދަރުވާނުލާނެ ކަމަށް ވިދާޅުވެ ލޯނު ނެގުމަށް ހަޖޫ ޖެއްސެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސީ މުވައްޒަފުންގެ މުސާރަވެސް ހަމަޖައްސަނީ ލޯނު ނަންގަވައިގެނެވެ. 100 ބިލިއަނުން ދަރަނި އަރައިގެން ދިޔަގޮތް ރައީސް ސޯލިހު ސިފަކުރެއްވީ އިގްތިސާދީ ބޫމެއްގެ ގޮތުގައެވެ. ލޯނު ނެގުމުގެ ރިމޯޓުވެސް އޮތީ އިންޑިއާގައެވެ.

ހުޅުމާލޭގައި ލިވާތު ކުރަން ތިބި އިންޑިއާ ދެމީހަކު އަތުލައިގަންނަން ޖެހުނީ އާންމުން ނިކުމެގެންނެވެ. ފަނޑިޔާރުންނަށް ތަމްރީން ދީ ޝަރީއަތް ކުރަންވާގޮތް ވެސް ކިޔައިދެނީ އިންޑިއާއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުން ތަޖުރިބާ ހޯދަންވެސް ދާން ޖެހެނީ އިންޑިއާ އަށެވެ. އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިއާ މީހާ އަތުލައިގަނެ ފުލުހުންނާ ހަވާލުކުރުމުންވެސް ޖެހުނީ ދޫކޮށްލާށެވެ. ވެލާނާ އެއާޕޯޓުގެ ވެހިކަލެއް އިންޑިއާ ބަޔަކު ބަނގުރާ ބޮއެގެން ވަގަށް ނަގައިގެން ހުޅުމާލެއަށް ގެންގޮސްފިއެވެ. އެއާޕޯޓުގެ މައުލޫމާތުތަކާއި ވަމުންދާގޮތް ބަރާބަރާށް ޖާސޫސް ކުރަމުންދިޔަ އިންޑިއާ 2 މީހަކު ހައްޔަރުކޮށް ބަންދު ކުރުމަށްފަހު އެމްބަސީއިން އަންގައިގެން ޖެހުނީ ފުރުވާލާށެވެ. އަނެއްކާވެސް ފެލްޓް އަޅަން ނާދީ އާއި އޯޑިއޯން ބިން އިންޑިއާގެ ޓާޓާއަށް ދީފިއެވެ. އެ ދެތަނުގައި ފްލެޓް އަޅާތާ މިހާރު 12 ވަރަކަށް އަހަރު ވެއްޖެއެވެ.

އިންޑިއާ ކޮޅުން ބުރިޖަށް އެރުމަށް ތިލަމާލެ ބުރިޖުގެ ބިންގާވެސް އެޅީ ސީދާ އިންޑިއާގައެވެ. މިކަންކަމުގެ ވާހަކަ ލިޔެ އުޅޭ ރާއްޖޭގެ 2 ނޫސްވެރިޔަކު އިންޑިއާ އެއާޕޯޓުގައި 2 ގަޑިއިރު ވަންދެން ހިފެހެެއްޓިއެވެ. ސަލާމަތްވީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެތަކެއް މަސައްކަތެއް ކޮށްގެންނެވެ. މިކަހަލަ ކިތަންމެ ކަމެއް ހިނގައިފިއެވެ. ކުރުކޮށްލާނެމެވެ.

ހީލަތްތެރި އެޖެންޑާ އަކާ ދެކޮޅަށް ތެދުވުން

މިކަންކަމުގެ އިތުރުން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފަށް އިންޑިއާގެ އަސްކަރީ ސިފައިންނާއި ޖާސޫސޫންނަށް އިމެއް މިނެތް ނެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނޑަހަ ޖަހަން ދިން ހީލަތްތެރި އެޖެންޑާ އާއި ދެކޮޅަށް ތެދުވީ ވާދަވެރި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންނެވެ. ހާއްސަކޮށް އެ ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް ޔާމީންގެ އިރުޝާދުފުޅުގެ ދަށުން އިންޑިއާގެ އުނގަށް ރާއްޖެ ވެއްޓިފައިވާ މިންވަރާއި، އެކަމުގެ މައިގަނޑު ސަބަބުތައް ހާމަކޮށް ”މިނިވަންކަމުގެ ދިފާއުގައި ދިވެހިން“ ކެމްޕެއިން އަތޮޅުތެރެއަށް ފުޅާކުރަން ޖެހުނީ އެގައުމުގެ ވެރިކަން ކުރާ ބީޖޭޕީ ސަރުކާރުގެ މުސީބާތާއި ހަންފެތުރުން ހައްދުފަހަނައަޅައި ދިއުމުންނެވެ.

މަންޒަރު ބަދަލުވީ ގައުމީ ދިދައިގެ އާދޭހުގައި އިދިކޮޅާއި ތަފާތު ފިކުރުތަކުގެ ވިސްނުމުގެ އާންމުން ފައިތިލަތައް ސާބިތު ކުރި ހިސާބުންނެވެ. ދެނަކާ ދެނެއް ނެތެވެ. ކޮށި ޖަހައި ބަންދު ކުރަނީއެވެ. ނެގުނު ގޮތަކަށް ނަގައިން ބަންދަށް ގެންދަނީއެވެ. މަތިމައްޗަށް ދައުވާ އުފުލަނީއެވެ. ބަރިބަރިއަށް މުއްދަތު ޖަހަނީއެވެ. އެކަންކަމުން ސަރުކާރާއި މެދު އުންމީދެއް ނެތް ނިކަމެތި ރައްޔިތުންނަށް ލިބުނީ ހިތްވަރެވެ. އެ މީހުން ހިތްވަރު ނެރުނީ ގައުމީ ދިދައިންނެވެ. ނިކުންނަށް ފެށީ ފެއްސާ ރަތާ ހުދުގެ ޝަރަފަށްޓަކައެވެ. ލޯބިވާ ދީނާއި ވަތަނުގެ މިސްރާބު އޮޅުން ސުވާއްޔަކަށް ވެއްޖެ ކަން ޔަގީން ކޮށްގެންނެވެ. ދެން ހެދީ އެއަށްވުރެ ހިތްދަތި ގޮތެކެވެ. ދެއްކީ އެ މަންޒަރު ބަލާ ކޮންމެ މީހަކު ފެންކަޅިވާ ވަރުގެ ހުދުމުހުތާރު ހަޑި އަމަލުތަކެކެވެ. ދިވެހި ދިދައިގެ ދިފާއުގައި މަރުވެދާންދެން ފޯރިއަށް ތިބޭ ފުލުހުންގެ ހިތާ ދެކޮޅަށް އާންމުންގެ އަތުން ދިދަތައް ޖަހައިގަތުމަށް މެދުކެނޑުމެއް ނެތި ދޭން ފެށި އޯޑަރެވެ. ހައްގުތަކަށް ވަކާލަތު ކުރާ ކޮންމެ މީހެއްގެ އަތުގައި އޮތް ދިދަ ޖަހައިގަންނަ މަންޒަރަކީ ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ބޭރު ގައުމެއްގެ ”މުންޑު“ ތެރޭގައި ތާށިވެ، ބަޔަކު ދަށުވާނީ މިހާކަށް ވަރަށް ނޫން ހެއްޔެވެ؟

ދެން ފެނިގެން ދިޔައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އެމީހެއްގެ އަމިއްލަ ގެދޮރުގައި ޝުއޫރު ފާޅުކޮށްފައިވާ ބެނާތަށް ކުށްވެރި ވި މަންޒަރެވެ. ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަތީއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ނުހިފެހެއްޓޭ ހައްގެއް ރައްޔިތުންގެ ކިބައިން ނިގުޅައިގަތީއެވެ. ގޮނޑި ކޮއްކޮ ސަރުކާރުގެ ބޮޑުބޭބެ ރުއްސުމަށެވެ. ދެން ފަހެ ރައީސުލްޖުމްހޫރިއްޔާ ގަރާރެއް ނެރުއްވައި އެ ގަރާރުގައި ފުލުހުން ޖައްސައި، އެ ފުލުހުން ބޭގަރާރުވެ، ގޭގެއަށް ވަދެ ބެނާތައް ”ކޮށައީލީ“ އެވެ.

ގާނޫނީ ގޮޅިން ބޭރުން މިނިވަންކަމުގެ ދިފާއުގައި ދިވެހިން ފެށި މަސައްކަތުގައި އޮބި އެޅުވުން

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި އިދިކޮޅުން ފެށި ހަރަކާތް މަޑު ޖައްސާލަން ޖެހުނީ ރައީސް ސޯލިހުގެ ޣައިރުގާނޫނީ ގަރާރަކުން ފުލުހުން ނިކުމެ ރައްޔިތުންނަށް އަނިޔާ ކުރާތީ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އެއީ ތެދެކެވެ. ޕީޕީއެމް އޮފީސް ދޮރުމައްޗަށް 6 މީހަކު އެއްވާއިރަށް މުޅި ގައުމު އެލާޓަށް އާދެއެވެ. ރަތް ޓީޝާޓު ދެކެ ސަރުކާރު ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ޓީޝާޓު ބާލައި އޮރިޔާން ވުމަށް އޯޑަރުވެސް ދެނީއެވެ. ރަށްރަށުގައިވެސް މަސްލަހަތު ގެއްލޭފަދަ ކަންކަން މެދުވެރިވާ ހިސާބަށް ކަންކަން ”ހިންގާލަނީ“ އެވެ. އެކަމަކު އެބުނާ އައުޓެއް ކިޔުން ނުހުއްޓުވުނެވެ. ރައްޔިތުންގެ ދުލެއް ބަންދެއް ނުކުރެވުނެވެ. މިއަދު އެއީ ސަރުކާރަށް ދެކޮޅަށް އާންމު ރައްޔިތުން ބޭނުން ކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. ރާއްޖޭގެ މިނިވަންކަމަށް ލޮޅުން ގެނުވިގޮތް ރައްޔިތުން ހަނދާނެއް ނުނެތެއެވެ.

އިންޑިއާ އޮންލީ ޕޮލިސީއަށް މުޅި ދައުލަތް ފުރޮޅައިލުމުގެ ފެށެމަކީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ. ދެވަނަ ކަމަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އިންޑިއާއިން ހުޅުވައިދިން ކުޑަ ދޮރަކުން ވަދެ ކަޅު ފައިސާ ހަރަދުކޮށްގެން ގެނައި ވެރިކަމެވެ. ތިންވަނަ ކަމަކަށް އެގައުމުގެ ލައިން އޮފް ކްރެޑިޓެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު، ހިންގުނު ބޮޑު މަޝްރޫއެއް ނެތެވެ. މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ތިލަމާލެ ބުރިޖު ހަދަން އިންޑިއާ ކުންފުންޏަކަށް ދީގެން އެ ބުރިޖު މަސައްކަތަށް ގެނައި ޕްލެޓްފޯމް އެރީ ފަރަށެވެ. ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހިދާނެތީ ދެއްކީ ފަރުގައި ހެދިފައިހުރި ބޮޑެތި ވަޅުގަނޑުތަކަށް އިންޑިއާ ސިމެންތި ގަށާފައި އަޅައިދީފާނެ ކަމުގެ ކޮސް ވާހަކައެވެ. ތިމާވެށީގެ ޗެމްޕިއަނުން ތިބީ ކޮނޑު ހުޅު ނެއްޓޭވަރަށް އަތް ޖަހާށެވެ. އިންޑިއާއިން ރާއްޖޭގައި ހަން ފެތުރުމުގެ ޒިންމާ ނަގަން ޖެހޭނީ އެގައުމުގެ ރައްޔިތުންނެއް ނޫނެވެ. އެއީ ގާތް އަވަށްޓެރި ބައެކެވެ. އެކަމަކު އިންޑިއާގައި ރާއްޖޭގެ ސިފައިން ތިބެން އެގައުމުގެ ރައްޔިތުން ބޭނުން ނުވާގޮތަށް އިންޑިއާ ސިފައިންނާއި ރޯ އޭޖެންޓުން ރާއްޖޭގައި ތިބުމަށް ދިވެހި ލޭ ހަށިގަނޑުގައި ހިނގާ މައްދިވެއްސަކު ނޭދޭނެއެވެ. މައްސަލައަކީ އެއީއެވެ.

ދިވެހީންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ގެއްލިގެން ދިޔަ ކޮންމެ ފަހަރަކު އެކަން ވެގެން ގޮސްފައިވަނީ އެބައެއްގެ ގައިގައި ދިވެހި ލޭ ހިނގާ މަދު ދިވެހީންތަކެއްގެ ހިޔާނާތްތެރި ސަބަބުންނެވެ.

މަލާބާރުންނާއި، އަނދިރި އަނދިރިން ރާއްޖެ އަޅުވެތިކޮށްގެން ދިވެހިންގެ ކަރަށް ބަނގުރާ ގަދަކަމުން އަޅަމުންދިޔައިރު، އެއީ ކޮން ބައެއްކަން ހަނދާނަށް ގެންނަން ޖެހެއެވެ. ކޮންމެ ރަސްކަލަކު ވެސް ހިމާޔަތާއި ބާރު ހޯދަމުން ގެންދިޔައީ އިންޑިއާގެ ގޯއާގައި އޮތް ޕޯޗްގީޒު ސަރުކާރުންނެވެ.

މަލަބާރު އައްސޭރީގެ ހަމަނުޖެހުންތަކުގެ ސަބަބުން އިންޑިއާ ކަނޑުގައި ވިޔަފާރީގެ ކަންކަމުގައި ދަތުރުކުރި މުސްލިމު ވިޔަފާރިވެރިން ރާއްޖޭގެ ކަނޑުތަކުން ދަތުރުކުރުމާއި، ރާއްޖޭގައި ގާއިމުވެގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގުން އޮތީ ވަރަށް ބޮޑުވެފަ އެވެ. އެހެންކަމުން ޕޯޗްގީޒުން ރާއްޖެއާ މެދު އިސްތިރާޖީގޮތުން އޮތް ދަހިވެތިކަން ދިޔައީ އިތުރުވަމުންނެވެ. ރާއްޖޭގެ ކޮއިލު ތެރޭގައި ހިނގަމުން ދިޔަ ހަމަނުޖެހުމުގެ ފައިދާ ޕޯޗްގީޒުން ނެގީ އިންޑިއާ ކަނޑުގެ ވިޔަފާރި ކޮންޓްރޯލް ކުރުމަށެވެ.

ޕޯޒުގީޒުން ގޮވައިގެން ރާއްޖެ އަރައި، ރަސްކަމުގައި ހުންނެވި އަލި ރަސްގެފާން ޝަހީދުކޮށް، ދިވެހި ވެރިކަމުގެ ސިންގާސަނާއާ ޕޯޗުގީޒުންނަށް މަތިކުރުވި އިސް މޭސްތިރިއަކީ ވެރިކަމުގައި ހުންނަވައި އިސްތިއުފާ ދެއްވުމަށްފަހު، ގައުމު ދޫކުރައްވައި، އިންޑިއާގެ ގޯވާއަށް ވަޑައިގެން އިސްލާމްދީން ދޫކޮށްލެއްވި ނުވަ ވަނަ ހަސަން ރަސްގެފާނެވެ. އެކަމަކު ބަދަލުގައި ނުވަ ވަނަ ރަސްގެފާނުގެ ދުވަސް ދުއްވާލީ ދިޔައީ ގޯވާއަށް ގެންގޮސް ދެލޯ ކޮނެލައިގެންނެވެ. އަމިއްލަ ގައުމަށް ޣައްދާރުވި ވެރިއަކު އެހެން ބަޔަކަށް ވަފާތެރިވެދާނެ ކަމަށް ދެކުމަކީ ކުށް ހީއެއްކަން އެ ހާދިސާއިން ހެކި ދެއެވެ.

މިއަދުގެ ހާލަތަކީވެސް އެއީއެވެ. ރައީސް ސޯލިހު އިންޑިއާގެ ހައްދުފަހަނައެޅި ބީޖޭޕީ ސަރުކާރަށް މުޅި ގައުމު ވެދުމަށް އަރުވައިފިއެވެ. އެމަނިކުފާނު އެ ހިންގަވަނީ ބީޖޭޕީގެ ގޮނޑި ކޮއްކޮ ސަރުކާރެކެވެ. ދިވެހިންނަކީ އަމިއްލަ ފަސްގަނޑުގައިވެސް މިއަދު ދެވަނަ ދަރަޖައިގެ ރައްޔިތުންނެވެ. އިންޑިއާ ހަމަ ގަދައީއެވެ. ރައީސް ސޯލިހުގެ ކޯލިޝަން ލީޑަރުންގެ ރިމޯޓު އޮތީ ބޮޑުބޭބެގެ އަތްޕުޅުގައެވެ. އިންޑިއާ ރުހޭ ހުރިހާ ގޮތެއް ހައްދަވައި ދެއްވި ރައީސް މަނިކުފާނު ތިލަމާލެ ބުރިޖުގެ ބިންގާ އެޅުއްވުމަށް އެ ގައުމަށް ވަޑައިގެންނެވުމުން، މަރުހަބާ ދެންނެވީ އެގައުމުގެ ”ޖަނާވާރާ“ ބެހޭ މިނިސްޓަރެވެ. އެއީ ބީޖޭޕީގެ ނަޒަރުގައި ދިވެހިންގެ ދަރަޖައެވެ. ރައީސް މަނިކުފާނު އެންމެ ކުރައްވާ ހިތްޕުޅުވާ ސެލެބްރިޓީންނާއެކު ސެލްފީ ނެންގެވުމުގެ ހުވަފެނުގައިވެސް އިންޑިއާއިން ފިސާރި ރަނގަޅަށް ކުލަ ޖައްސައިދިނެވެ. ފޭކު ބޮލީވުޑާއެކު ރައީސް ސޯލިހު ފޮޓޯ ނަންގަވަން މުމްބާއީގެ ޓްރެފިކް 3 ގަޑިއިރަށް ހުއްޓުވައި ދިނެވެ. ކިހާ ހެޔޮފުޅު ހެއްޔެވެ؟ މުމްބާއީގެ ރައްޔިތުން ރަތަށް އެރިޔަސް ރާއްޖޭގެ ރައީސް މަނިކުފާނު ބޮޑުބޭބެ އާއި މެދު ކިހާ ހިތްޕުޅު ރަނގަޅުވާނެ ހެއްޔެވެ؟ ހަމަ ހައްދާލާފަ ގައުމަށް އެނބުރި ފޮނުވާލީއެވެ. ޖެހޭނީ ރުހޭށެވެ. އިތުރަށްވެސް ރުއްސޭތޯ ދައުރު ނިމެންދެން އަޅުދާސްތު ކުރާށެވެ.

އިއްޔެ ރަހުނު ކުރީ ދަރުމަވަންތަ ހޮސްޕިޓަލެވެ. އޭގެ ކުރީ ދުވަހު ބައިސްކޯފާއި ސްކޫލްތަކެވެ. މާދަމާ ރައްޔިތުންގެ ހަރު މުދާތައްވެސް އޮބަހައްޓައިގެން ވިޔަސް ރަހުނުކޮށް، ވިއްކާ ހުސް ކުރާނެއެވެ. ބަޖެޓް ސަޕޯޓަށް ފައިސާ ލިބޭގޮތަކީ އެއީއެވެ. ސަރުކާރުގެ ހަރަދު ހިފަހައްޓަނީ ދެވަނަ ދަރަޖައިގެ ދިވެހިން އެކޮޅު ކޮޅުން އެލުވައިގެން ނަމަވެސް ޖީބުން ފައިބާ ވަކި ލާރިކޮޅާއެއްކޮށް ”ކަހާލައިގެން“ ނެވެ. މުޅި ދައުލަތް އިންޑިއާ ދަށުވެފައި އޮތުމަކީ ދިވެހިންގެ އެންމެ ކަންބޮޑުވުން ކަމުގައި ހަދައި، އުޖާލާ މުސްތަގުބަލެއްގެ ދަންމަރު ރޯ ކުރުމަށް ރައްޔިތުންނަށް ދެން އޮތް ހަމައެކަނި ފުރުސަތަކީ ވެރިކަން ބަދަލު ކުރުމެވެ. އެކަމަކު ކަންބަޅީގެ ދުލީގެ ދަށުގައި ތިބޭ ހިޔަޅުތަކަކަށް ވެރިކަން ލިބިއްޖެނަމަ ވާނީ ހަމަ އެއްގޮތެކެވެ.

ޕޯޗްގީޒުންނާއި، މަލާބާރުން ހިނގި މަގުން އިންޑިއާގެ ބީޖޭޕީ ސަރުކާރު އޮތީ ރާއްޖެއަށް މިސްރާބު ހިފާފައެވެ. އަޅުވެތިކަމުގެ މިސްރާބު ބަދަލު ކުރެވޭނީ ”ދަށުނުވެ“ ހުންނެވި ލީޑަރަކަށެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވާން އެބަޖެހެއެވެ. ނާށިގަނޑު ހިފައިގެން ދާން ޖެހުނަސް މިނިވަންކަން ވިއްކާނުލައްވާނެ ލީޑަރަކީ ކޮން ބޭފުޅެއްކަން ސާފެވެ. އެއީ ރައީސް ޔާމީނެވެ.

2 Comments

  1. އެ ލީޑަރަކީ ޢުމަރު ނަޞީރު..ގައުމު ސަލާމަތް ކުރުމަށް ޢުމަރު ނަޞީރަށް ބައިއަތު ހިއްޕަވާ..ދީނުގެ މަގަށް ގައުމު ސީދާކުރަން މަސައްކަތް ކުރައްވަނީ ހަމައެކަނި ޢުމަރު ނަޞީރު.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button