ޚަބަރުސިޔާސީ

ރައީސް ޔާމީނަށް އިހުތިރާމް އަދާކޮށް، ޖުމްލަކޮށް އެންމެންވެސް ކިޔައިދިނީ ރައީސް މުއިއްޒު ވެރިކަމަށް އިންތިހާބުކުރި ސަބަބުތައް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަބަދުވެސް އިހުތިރާމް އޮންނާނެކަން ހާމަކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ސަރުކާރުގެ ވަޒީރުންނާއި، ޕީޕީއެމް ޕީއެންސީ މެޖޯރިޓީ މެންބަރުންގެ އިތުރުން އެމަނިކުފާނަށް ވޯޓު ދެއްވި މެޖޯރިޓީ ރައްޔިތުން ދީފި އެވެ.

ޕާޓީގެ މެޖޯރިޓީ މެންބަރުންގެ ތާއީދު ރައީސް މުއިއްޒުއަށް އޮތްކަން ހާމަކޮށް، ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރި ބައެއް މީހުން ބާކީކުރިކަމަށް ކަނޑައަޅަައި، ޕީޕީއެމް ދޫކުރައްވައި ރައީސް ޔާމީންގެ އާ ޕާޓީކަމުގައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ މަސައްކަތް ފެށިފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ވަޒީރުން ނިންމެވީ ރައީސް މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ޕީޕީއެމް ޕީއެންސީ ފިކުރުގައި ދެމި ތިއްބެވުމަށެވެ. އަދި ސަރުކާރުގެ އެކި އެކި މަގާމްތަކާއި އެ ދެޕާޓީގެ ސެނެޓް މެޖޯރިޓީވެސް ނިންމީ އެ ގޮތަށެވެ.

މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެންމެންވެސް ޖުމްލަކޮށް ފާހަގަކުރަނީ ރައީސް ޔާމީން ޖަލުގައި ހޭދަކުރެއްވި ހާހެއްހާ ދުވަހު ޕީޕީއެމާ ޕީއެންސީ ހިންގަވައި ބެލެހެއްޓެވީ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ”ޣައްދާރު“ ގެ ގޮތުގައި ލޭބަލް ކުރައްވަން ފެއްޓެވި ޕީއެންސީގެ ޗެއަރމަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ އުނދަގޫ ހާލަތެއްގައި މަޝްވަރާގެ އުސޫލުން ކަންކަން ކުރިއަށް ގެންދެވުމެވެ. ދެވަނަ ކަމަކަށް ރައީސް މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދަކަށްވީ ވެރިކަމަށް އާދެވުމާއެކު އެންމެ ފުރަތަމަވެސް ރައީސް ޔާމީނު ގެއަށް ބަދަލު ކުރެއްވުން ކަމަށް ވެފައި، ހުވާ ނުކުރައްވަނީސް، އެމްޑީޕީގެ ސަރުކާރުގެ ކިބައިން  ރަޔީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތުމެވެ. އެކަން އެގޮތަށް ވެގެންދިޔަ ނަމަވެސް ރައީސް ޔާމީނު ގެއަށް ބަދަލު ކުރުމަށް ގެނައި ދުވަހު، ރައީސް މުއިއްޒުވެސް އެތާނގައި ހުންނަވަނިކޮށް، މުއިއްޒާއި ހަތަރުކަޅިވެސް ރައީސް ޔާމީނު ހަމަނުކުރެއްވިކަން އެތަނުގައި ތިއްބެވި އާންމު މެންބަރުންނަށް ފާހަފަވުމެވެ.

”ޝުކުރުވެރިކަމުގެ ކަންފުޅެއްވެސް ދައްކާނުލިތާނގައި ފެނިގެން ދިޔައީ ތިމާ މީހާގެ ކިބުރުވެރިކަމާއި ގޮތުގައި ހުންނެވި ހުންނެވުމުން. ދެން ވިސްނަވާ. ފޯނު ނުނަންގަވާނީ ރައީސް މުއިއްޒުތޯ ނުވަތަ ރައީސް ޔާމީނު ތޯ.“ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް މުޒާހަރާކުރި ބޭފުޅަކު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ރައިސް ޔާމީނަށް ކުރައްވާ މެސެޖަށް ރިޕްލި ނުކުރައްވާކަން އެނގެނީ ކިތަށް ބޭފުޅުންނަށްތޯ ސުވާލު ކުރައްވައި އޭނާ ވިދާޅުވީ މަގާމުގެ ދަހިވެތިކަމުގައި ރައީސް މުއިއްޒު ފަހަތަށް އަރާނެ ބޭފުޅަކަށް އޭނާ ނުވާނެ ކަމަށާއި، ރައީސް މުއިއްޒުއަށް ގިނަބައެއްގެ ލޯބި ލިބުނީވެސް އެމަނިކުފާނު ހުވާކުރިތާ ރަނގަޅަށް ހަފްތާއެއް ނުވަނީސް އެމަނިކުފާނުގެ އިސްތިއުފާއަށް ރައީސް ޔާމީންގެ ފެކްޝަނުން ގޮވައި ވެރިކަން ވައްޓާލަން ގޮވާލުމާ ގުޅިގެންނެވެ.

ތިންވަނަ މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް މުއިއްޒުގެ ސަޕޯޓަރުން ފާހަގަކުރަނީ ސުޕްރީމް ކޯޓުގެ ހުކުމް ރައީސް ޔާމީނާ އިދިކޮޅަށް ނިމި، އެމަނިކުފާނަށް ރިޔާސީ ރޭހުގެ ދޮރު ބަންދުވުމާއެކު، އިންތިހާބު ބޯއިކަޓް ކުރުމަށް އެމަނިކުފާނު ސެނެޓަށް އެންގެވުމެވެ. އެއީ އަމިއްލަ މަސްލަހަތު ކުރިޔަށް ނެރުއްވުންކަމަށާއި، އެމްޑީޕީއަށް ދެވަނަ ދައުރެއް ދީގެން ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށްވުރެ ގައުމުގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ގޮސްދާނެކަން ރައީސް ޔާމީންވެސް ގަބޫލުފުޅުކުރައްވާއިރު، އެފަދަ ނިންމެވުމެއް ނިންމެވީ އަމިއްލަ މަންފާއެއް ހޯއްދެވުމަށް ކަން ސަޕޯޓަރުން ދެކެއެވެ.

އެފަދަ ނާޒުކު ވަގުތެއްގައި ގައުމު ސަލާމަތް ކުރެވެން އޮތީ ޕީޕީއެމް ޕީއެންސީ ފަޅިން ކެންޑިޑޭޓެއް ނެރެގެން ކަމަށްވާއިރު، އަދި ”އޮޕްޝަނެއް“ އިހުތިޔާރުވެސް ކުރެވިފަވާއިރު، ގައުމީ މަސްލަހަތު އިސްކުރައްވާނަމަ، އެގޮތަށް އިންތިހާބު ބޮއިކޮޓްކުރައްވައި، އަމިއްލަފުޅު ދެޕާޓީ ކަމުގައިވާ ޕީޕީއެމާއި ޕީއެންސީ މަގުމަތި ކޮށްލަވަން  ދޫކޮށްލެވުމަކީވެސް ގިނަ ބަޔަކު މާޔޫސްވި ކަމެއްގެ ގޮތުގައި ރައީސް ޔާމީންގެ އަރިހުގައި 10 އަހަރު ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅަކު ވިދާޅުވިއެވެ.

”ބޮއިކޮޓް ކުރަން ބުނުމުންވެސް ރައީސް ޔާމީނާއި ދެކޮޅަށް ސެނެޓުން އިންތިހާބުގައި ބައިވެރިވާން ނިންމީ ރައީސް ޔާމީނަށް އެވިދާޅުވާ ”ދޯކާ“އެއް ދޭކަށް ނޫން. އެދުވަހު އެކަން އެގޮތަށް ނުކުރިނަމަ މިއަދު ވެރިކަމުގައި އޮތީހީ އެއްކަލަ ބިރުވެރި އެމްޑީޕީ.“ އެބޭފުޅާ ވިދާޅުވިއެވެ.

ރައީސް ޔާމީން، ރައީސް މުއިއްޒަށް ތާއިދު ކުރައްވަން ނިންމެވީ، ދެޕާޓީގެ ސެނެޓް މެޖޯރިޓީ އެމަނިކުފާނަށް ގެއްލިވަޑައިގަތްކަން ގަބޫލުފުޅު ކުރެއްވުނު ހިސާބުން ކަން ފާހަގަކުރައްވައި ރައީސް މުއިއްޒުގެ އަރިސް ބޭފުޅަކު ވިދާޅުވީ ރައީސް ޔާމީންގެ ލެގަސީއަށް އޮތް ހުރަކީ އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްގެ އަރިހުގައި އުޅޭ ކޮރަޕްޓް ޓީމެވެ.

އެހެން ނަމަވެސް ޑރ.ޖަމީލު އާއި ރައީސް ޔާމީންގެ ފެކްޝަނުން ތުހުމަތުކުރާގޮތުގައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބިވަޑައިނުގެންނެވުމެ އަސްލަކީ ރައީސް މުއިއްޒުއެވެ. އެކަމަކު ރައީސް މުއިއްޒުގެ ޓީމުން އެކަން ދޮގުކުރެއެވެ. ރައީސް ޔާމީންގެ ޝަރީއަތް މިހާރު ނުފޫޒު ފޯރުވަނީ ރައީސް މުއިއްޒުކަމަށް ޔާމީންގެ ފެކްޝަނުން ބުނާއިރު މުއިއްޒުގެ ޓީމުން ބުނަނީ އެމަނިކުފާނު ގާނޫނީ ހަމަތަކުގެ މަތިން ވަރަށް އަވަހަށް މިނިވަން ވާނެ ކަމުގައެވެ.

މިއަދާހަމަށްވެސް ޑރ.ޖަމީލު ތަކުރާރު ކުރައްވަމުންގެންދަވާ އެންމެ މުހިންމު ނުކުތާއަކީ ވެރިކަން ބަދަލު ކުރުމަށް ބުރަކޮށް މަސައްކަތް ކުރި މީހުނަށްވުރެ ދަނޑިވަޅުގެ ބޭނުން ހިފައިގެން އައި ބަޔަކު އިސްކުރުމެވެ. އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރުގެ އިސްވެރިން ވިދާޅުވާގޮތުގައި އެއްވެސް މީހަކު ބާކީއެއް ނުވާނެއެވެ. ރައީސް ޔާމީނަށް ކުރިން ވަފާތެރި ގިނަ ބަޔަކު ބުނާގޮތުގައި ރައީސް މުއިއްޒުއަށް ތާއީދުކޮށް، ކެމްޕެއިންކޮށް، އެމަނިކުފާނަށް ވޯޓު ދީނީ އެންމެ ފަހުވަގުތު އިތުރު ގޮތެއް ނެތިގެން ރައީސް ޔާމީން އެންޑޯޒު ކުރެއްވުމުންނެވެ. އަދި މިއަދު ރައީސް ޔާމީން ވިދާޅުވިޔަަސް ރައީސް މުއިއްޒުއާއި ޕީޕީއެމް ޕީއެންސީ ފިކުރާ ދުރަށް ނުދާނެކަމަށްވެސް ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button