
އިދިކޮޅު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ.އާރަށުގެ މައްސަލައިގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި، 77 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމުގެ ތެރެއިން ޖޫރިމަނާ ފައިސާ ދެއްކުމުގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.
ނިމުނު އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އެހުކުމް ކުރެއްވި ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ ސަރުކާރުން ބޭނުންވާގޮތަށް ހުކުމް ކުރައްވައިގެން ހައިކޯޓުގެ ގާޒީއަކަށް ވެވަޑައިގެންފައެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ފެބުރުއަރީ މަހުގައެވެ. އެކަމަކު، އެ މައްސަލައިގެ އަޑުއެހުންތައް ޖޫން މަހުގައި ފެށުމަށްފަހު ޖުލައި މަހުގެ ފަހުކޮޅުގައި ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެން އަޑުއެހުންތައް ހުއްޓުނީއެވެ.
އިސްތިއުނާފު އަޑުއެހުންތައް ވަރަށް ބޮޑަށް ދިގުލައިގެން ގޮސް އެމައްސަލައަށް ގޮތެއް ނުނިމި އޮއްވައި ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަން ނިންމި މައްސަލަ ވެސް ސުޕްރީމް ކޯޓުން ނިންމީ އެމަނިކުފާނާ ދެކޮޅަށެވެ. ރައީސް ޔާމީނަށް ކަފާލާތުގެ ހައްގު ދީފައިނުވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނަށާއި، ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމަށް ހައިކޯޓުން ކަފާލާތު ދީފައިވެއެވެ.