
އިދިކޮޅު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލައި އެތައް ސަތޭކަ ޒުވާނުންނާ އާންމުން ސައިކަލުތަކުގައި މަގުމައްޗަށް ނިކުމެއްޖެ އެވެ.
މި ސައިކަލު ބުރުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުގެ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިވަގުތަކީ ރައީސް ޔާމީން އެންޑޯޒު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އާއި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ބޮޑުތިލަދުންމަތީގައި ކެމްޕެއިން ކުރައްވަމުން އަންނަ ވަގުތެކެވެ.
އެހެން ނަމަވެސް ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 1000 ދުވަސް މިއަދަށް ހަމަވުމާގުޅިގެން ދެޕާޓީގެ ލީޑާޝިޕުން ވަނީ މި ސައިކަލު ބުރަށް ފުރިހަމައަށް ތާއީދުކުރައްވާފައެވެ. އަދި މާލޭގައި ތިއްބެވި އިދިކޮޅު އިސްބޭފުޅުން ވަނީ މި ސައިކަލު ބުރުގައި ބައިވެރިވެވަޑައިގެންފައެވެ.
އޭގެ ތެރޭގައި ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އާއި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގާއި ، އެޕާޓީގެ ހަރަކާތު ކޮމެޓީގެ ޗެއަރ، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ސެނެޓަރުންވެސް ހިމެނެއެވެ.