
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންޑޯޒުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ބޮޑުތިލަދުންމަތިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މުއިއްޒު ހިމެނިވަޑައިގަންނަވާހެން ޕީޕީއެމް ޕީއެންސީގެ ވަފުދެއް މިއަދު ވަނީ ހދ.ހަނިމާދޫ އަދި ނޮޅިވަރަމަށް ޒިޔާރަތް ކުރައްވައި ރައީސް ޔާމީންގެ ސަޕޯޓަރުންނާ އަދި އާންމުންނާވެސް ބައްދަލު ކުރައްވައި، ބައެއް އިސްރަށްވެެހިންގެ ގޭގެއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މިއަދު ހަވީރު ކުޅުދުއްފުށި ސިޓީއަށް މުއިއްޒު އާއި އެމަނިކުފާނުގެ ޓީމު ވަޑައިގަންނަވާނެއެވެ.
ކެންޑިޑޭޓް ނަންބަރު 4، ޑރ.މުއިއްޒުއަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން ރައީސް ޔާމީންގެ ސަޕޯޓަރުންނާ އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ކެންޑިޑޭޓެވެ.