ޚަބަރުސިޔާސީ

ކުރިން ފާޑުވިދާޅުވި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަަމަށް ރައީސް އިއުތިރާފް ވެވަޑައިގެންފި

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި ރާއްޖެ ތަރައްޤީއަށްކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޗައިނާގެ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. ދެޤައުމުގެ ދެމެދު އޮންނަ އަހަރުތަކަށް ދެމިގެންދާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިޔަށްދާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ވަން ޗައިނާ ޕްރިންސިޕަލްއާއި ދެޤައުމުން އިސްކަންދޭ މުހިންމުކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށްކަމަށާއި ހަމައެހެންމެ، އެހެން ޤައުމުތަކުގެ އިސްތިޤްލާލާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން އަބަދުވެސް އިޙްތިރާމްކުރާކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ އެހީގައި ކުރިޔަށްގެންގޮސްފައިވާ ބައެއް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުކަމުގައިވާ ސިނަމާލެ ފްލެޓްތަކުގެ މަޝްރޫޢާއި ހިޔާ ފްލެޓް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ރައީސް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަރައްޤީގެ ރޮނގުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ނައިބު ފައިޞަލް ނަސީމާއި ޗައިނާސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިންއާއި ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button