ޚަބަރުސިޔާސީ

ސާޖިދުވެސް ޕީޕީއެމަށް: ސަދޫމްގެ ސިޔާސަތުން ސަލާމަތް ކޮށްދެވޭނީ ރައީސް ޔާމީނަށް

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާއި ގާތް ގުޅުމެއް އޮންނަ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު އަލީ ސާޖިދު ޕީޕީއެމާ މިއަދު ގުޅިއްޖެއެވެ.

ޕީޕީއެމާ ގުޅުމަށްފަހު ސާޖިދު ކުރި ޓުވީޓެއްގައި ބުނީ އޭނާ ގަބޫލްކުރާގޮތުގައި އެމްޑީޕީގެ ފަރާތުން ގައުމަށް ދިމާވެފާ ސަދޫމްގެ ސިޔާސަތާއި އިގްތިސާދީ ހީނަރުކަމުން ސަލާމަތް ކުރެވޭނެ ހަމައެކަނި ބޭފުޅަކަށް މިހާރު ހުންނެވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ކަމުގައެވެ. 

”ވަރަށް ދުވަހުގެ ވިސްނުމަށްފަހު މިއަދު މިނިންމީ ޕީޕީއެމާ ގުޅެން.“ ސާޖިދު ބުންޏެވެ. 

ސާޖިދު ބުނިގޮތުގައި އިންސާފޭ ކިޔައިގެން ބާރަށް ހަޅޭލަވައިގެން އެމްޑީޕީއިން ވެރިކަމަށް އައިސް މިއަދު އުޅެނީ އިންސާފަށް ވުރެންވެސް ބޮޑު ފާހިޝް އަމަލެއް ކޮށް އެކަން ހިންދާލެވޭތޯއެވެ. އެގޮތުން އެމްޑީޕީގެ އިސްސަފު މިއަދު ވަނީ ގައުމާ، ގައުމުގެ ރައްޔިތުންނަށް ވުރެން ލިވާތު އަދި ފާހިޝް އަމަލުތައް މުހިންމު ކޮށްފައި ކަމުގައި އޭނާ ބުންޏެވެ.

ސާޖިދު އަކީ އެމްޑީޕީ އާއެކު ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޒުވާނެކެވެ.

އޭނާގެ އިތުރުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)ގެ ކެމްޕެއިންގައި އިސްކޮށް އުޅުނު އަހުމަދު އަފްރާހު (އަފްރޯ) ވެސް ވަނީ ޕިޕީއެމާ މިއަދު ގުޅިފައެވެ.

އަފްރާހު އަކީ ހޯރަފުށީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރަމުން އައި ޒުވާނެކެވެ. ޕީޕީއެމާ ގުޅުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަފްރާހު ވަނީ ޓުވީޓެއް ކޮށްފައެވެ. އެ ޓުވީޓުގައި އޭނާ ބުނީ ލިވާތު ކުރުމާ ދެކޮޅަށް އެމްޑީޕީ ދޫކޮށް ޕީޕީއެމާ ގުޅުނީ ގައުމު ސަލާމަތް ކުރުމަށް ކަމުގައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button