ޚަބަރު

ޔޯގާ ހުއްޓުވި މީހުންގެ ބަންދަށް 60 ދުވަސް

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ހުއްޓުވާލުމަށް ގަލޮޅު ދަނޑަށް ވަތް މީހުންގެ ތެރެއިން 4 މީހެއްގެ ބަންދަށް 60 ދުވަސް، އަދި ދެމީހެއްގެ ބަންދައް 5 ދުވަސް ޖެހުމަށް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް (40އ) އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން (47އ) އަދި ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު (35އ) އެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރިވިސަސް އިން އާންމުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ، ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މަޢުޞޫމާއި މުޙައްމަދު ޙުސައިންގެ އިތުރުން އަމީން އަޙްމަދުކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ދެން ހިމެނުނު ދެ ފަރާތް ކަމަށްވާ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސް ގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ. ފުލުހުންގެ މި ލިޔުމުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި އެ އިދާރާއިން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވުނު ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ގިނަ ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެފައެވެ. ގިނަ އަދަދެއްގެ ފުލުހުން އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރުވެސް، ދަނޑަށް ވަތް މީހުން ހުއްޓުވާ ނުލެވުނު އިރު، މި މައްސަލައިގައި ހައްޔަރު ކުރެވުނީވެސް ޖުމްލަ 6 މީހުނެވެ.

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރ ޙަމީދު ވަނީ، މިކަން ހިނގާ ދިޔައީ ސުވާލު އުފެދޭ ގޮތަކަކަށް ކަމަށް ވިދާޅުވެ، ފުލުހުންގެ އެތެރޭގެ ތަޙުގީގެއްވެސް ހިނގަމުންދާކަން ހާމަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button