މިސްކިތުގައި ތިބީ އިންޑިއާގެ ކުންފުންޏަކުން، އިންޑިއާގެ ލޯނެއްގެ ދަށުން މަސައްކަތް ކުރާ ބައެއް!
ފ.ދަރަނބޫދޫ މިސްކިތުގައި ތިބި އިންޑިއާގެ މަސައްކަތްތެރިންނަކީ އެގައުމުގެ ކުންފުންޏަކުން، އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ ލޯނެއްގެ ދަށުން އެރަށުގެ ނަރުދަމާ މަސައްކަތް ކުރަމުންދާ ބައެއްކަން ހާމަވެއްޖެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް “ބޮންތި” އާއި މައުލޫމާތު ހިއްސާކުރި ފަރާތަކުން ބުނީ، ދަރަނބޫދޫ މިސްކިތުގައި ތިބި މީހުންނަކީ އިންޑިއާގެ އެސްއެމްސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ނިސްބަތްވާ ބައެއް ކަމަށެވެ. މި ކުންފުންނީގެ ދިވެހި މަންދޫބަކީ އަލީ ޒުހައިރު ނަމަކަށް ކިޔާ މީހެކެވެ.
ދަރަނބޫދޫގެ މި މިސްކިތަކީ އެރަށު ކައުންސިކުގެ ބެލުމުގެ ދަށުގައި ހުރި މިސްކިތެކެވެ. އަދި އެއީ އިސްލާމިކް މިނިސްޓަރީގެ ދަފްތަރުން އުނިކޮށްފައިވާ، މިހާރު ނަމާދު ނުކުރާ މިސްކިތެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދަރަނބޫދޫގެ ކައުންސިލުގެ 3 މެންބަރުންވެސް ނިސްބަތްވަނީ ހޯމް މިނިސްޓަރ އިމްރާނުގެ އަދާލަތު ޕާޓީއަށެވެ.
މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި މިސްކިތުގައި އެމީހުން ތިބޭތާ މަހެއްހާ ދުވަސް ވެދާނެއެވެ. އެހެން ނަމަވެސް ކައުންސިލާ، އެސްއެމްސީ ކުންފުންޏާދެމެދު މިސްކިތް ކުއްޔަށްދިނުމުގެ އެއްބަސްވުމެއް ހަދާފައިނުވާކަމަށް އެފަރާތުން ބުންޏެވެ.
މީގެ އިތުރުން އެފަރާތުން ބުނި ގޮތުގައި މިވަގުތު އެރަށުގެ އެކިއެކި މަސައްކަތްތައް ކުރުމަށް ގެނެސްފައިތިބި ގިނަ އަދަދެއްގެ އިންޑިއާ މީހުން އެބަތިއްބެވެ. އަދި އެރަށުގައި މީހުން ބަހައްޓާނެ އިތުރު އެއްވެސް ޖާގައެއް ނެތެވެ. މިސްކިތުގައި އެސްއެމްސީ ކުންފުނީގެ މީހުން ބޭތިއްބީ މި ސަބަބަށް ކަމަށް ލަފާކުރެވޭ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.