ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާއި ދެކޮޅަށް ސައިކަލު ބުރެއް ބާއްވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ރަހުމަތްތެރިޔާ ކަމަށްވާ، އިންޑިއާގެ ބިޖޭޕީ ސަރުކާރުގެ ތަރުޖަމާނަކަށް ހުރި ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަ ކުރި މައްސަލައާއި ދެކޮޅަށް އަޑު އުފުލުމަށް ސައިކަލު ބުރެއް ބާއްވަން ނިންމައިފިއެވެ.
އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ޒުވާނުންތަކެއް އިސްނަގައިގެން ބާއްވާ ސައިކަލު ބުރު ފަށާނީ މާދަމާ ހަވީރު 16:00 ގައި ރަސްފަންނު ސަރަހައްދުންނެވެ.
ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާގެ މި އަމަލާ ގުޅިގެން ސަރުކާރުން ނެރުނީ ވަރަށް ފިނި ބަޔާނެކެވެ. އެ ބަޔާނުގައި ޝަރުމާގެ ނަންވެސް ފާހަގަކޮށްފައެއް ނުވެއެވެ. އަދި ބަޔާން ނެރުނީވެސް އިސްލާމީ ގައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، ބައިނަލްއަގުވާމީ އަދި ދިވެހި އިލްމުވެރިންގެ އިތުރުން އާންމުން އެކަން ކުށްވެރިކޮށް ސަރުކާރަށް ޕްރެޝަރު ކުރިމަތި ކުރުވި ފަހުންނެވެ.
ބެލެވޭގޮތުގައި މި ސައިކަލު ބުރަށް ފުލުހުން ހުރަސް އަޅާނެއެވެ.