އިންޑިއާގެ ވެރިކަން ކުރާ ބީޖޭ.ޕީ އަކީ ހުރިހާ ދީންތަކަކަށް އިހުތިރާމްކުރާ ޕާޓީ އެއް ކަމަށާއި އެފަދަ ޕާޓީއެއްގެ އިސް ތަރުޖަމާނަކު ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައި އެމްޑީޕީއިން ބުނެފިއެވެ.
ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއީ އިންތިހާއަށް ނުރުހުން ފާޅުކުރަންޖެހޭ އަދި އެއަމަލެއް އެންމެ ހަރުއަޑުން ކުށްވެރި ކުރާކަމުގައެވެ.
އެމްޑީޕީއިން ބުނީ އެ އަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމުގައެވެ.
”ބީ.ޖޭ.ޕީ ފަދަ ހުރިހާ ދީންތަކަކަށް އިހުތިރާމްކުރާ ޕާޓީއެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.“ އެމްޑީޕީއިން ބުންޏެވެ.
ނުޕޫރު ޝަރުމާ ސަސްޕެންޑު ކުރި ކުރުމަށް ރިއާޔަތްކޮށް އެމްޑީޕީއިން ބުނީ އެކަމަށް ތަރުހީބުދޭ ކަމުގައެވެ. އެކަމަކު އޭނާ މަގާމުން ވަކި ކުރުމަށް އެމްޑީޕީއިން ގޮވާލާފައެއް ނުވެއެވެ.
ރަސޫލާއަށް ފުރައްސާކުރި ނުޕޫރު ޝަރުމާ ދިފާއުވާ ފަދަ ގޮތަކަށް އެކަން ކުށްވެރިކޮށް ސަރުކާރުންވެސް އިއްޔެ ބަޔާނެއް ނެރުނެވެ.
އެ މައްސަލައިގައި އިސްލާމީ ގައުމުތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ރާއްޖެއިން ބޭރު އަދި ރާއްޖޭގެ އިލްމުވެރިންނާއި، ދިވެހިންގެ އެތައް ހާސްބައެއްގެ ފާޑިކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުން ނެރުނު ބަޔާނުގައި ކުށްވެރިކޮށްފައިވަނީ ބީޖޭޕީގެ އޮފިޝަލުންތަކެކެވެ.
ނުޕޫރު ޝަރުމާ ސަސްޕެންޑު ކުރުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާ އަށް ތާއީދުކޮށްފައިވަނިކޮށް ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އެކަމަކު ނުޕޫރު ކުރި އަމަލު އެއްވެސް ވަރަކަށް ކުށްވެރިކޮށްފައެއް ނުވެއެވެ. އަދި މޯދީ އޭނާ އަށް ތާއީދު ކުރުމުންވެސް އެކަން ކުށްވެރި ނުކުރެއެވެ.
ރަސޫލާއަށް ފުރައްސާރަކޮށް ރާއްޖޭގެ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ބަޔާނާގުޅިގެން މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާއިރު، އެ ޖަމާއަތުގެ އިސް ވެރިން ތިބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުހެ ސަރުކާރުގެ އިސްފަޑީގައެވެ. އޭގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓެންޓު ނޫޝިން ހަމީދު ހިމެނެއެވެ. އެ ދެބޭފުޅުންނަކީވެސް ރައީސް ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނެވެ.
އެމްޑީއެންގެ ރިޕޯޓު ނެރުނު ފަހުން އުތެމަ އަދި ކުއިލިއަމް ކިޔާ ޖަމްއިއްޔާއަކުންވެސް އިސްލާމް ދީނާ ހިލާފަށް ރާއްޖޭގައި ހަންފަތުރާފައިވެއެވެ. އެކަމަކު އޭގެ އެއްވެސް ކަމަކަށް ފިޔަވަޅެއް ނާޅައެވެ. އަދި އުފާ ނަމަކަށް ކިޔާ އަންހެނަކު އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށްފަހު ރާއްޖެ ދޫކޮށް ފިލައިގެން ދިޔައިރު، އެކަން އެނގިހުރެ ފުލުހުން ހުއްޓުވާފައެއް ނުވެއެވެ.