
އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން އަދި އެޕާޓީގެ އިސް ބޭފުޅުން އިސްލާމް ދީނަށާއި، މާތް ނަބިއްޔާ (ސ.އ.ވ) އަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިނުވާތީ އެކަން ކުށްވެރިކޮށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލިއިރު އެމައްސަލައާއި އެއްކޮޅަށް އެމްއެންޕީގެ އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މަޖިލީހުގައި މިވޯޓު ނެގުނުއިރު އެމްއެންޕީގެ އެއްވެސް މެންބަރަކު މަޖްލީހަށް ހާޒިރުވެސް ވެފައިނުވާއިރު، އެމްއެންޕީގެ އިސް ބައެއް ބޭފުޅުން ދަނީ އެމައްސަލަ ބޭރުކޮށްލުމަށް ވޯޓުދިން ބޭފުޅުންނާ ދެކޮޅަށް ޓްވީޓުކުރަމުންނެވެ. އެގޮތުން އެމްއެންޕީގެ ނައިބް ރައީސާ މިރްފަތް އިސްމާއިލް ޝަފީޤް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖްލީހުގެ ބައެއް މެންބަރުން ވަނީ އެމެންބަރުން ތަމްސީލުކުރާ ރައްޔިތުން ފެއިލް ކޮށްލާފައެވެ.
މިރުފަތު މިފަދައިން ވިދާޅިވެފައިވާއިރު، އެ ލިސްޓުގައި އެކަމަނާ ނިސްބަތްވާ ޕާޓީގެ މެންބަރުން ނެތް ހަމައެކަނި ސަބަބަކީ އެމެންބަރުން މަޖްލީހަށް ހާޒިރުވެފައި ނެތުމެވެ. މައުލޫމާތު ލިބޭ ގޮތިގައި އިއްޔެގެ ޖަލްސާއަށް އެމްއެންޕީގެ މެންބަރުން ހާޒިރުނުވީ ސަރުކާރުގެ ޕްރެޝަރުގެ ސަބަބުންނެވެ.