ކޮލަމް

ކުނި ވަކި ކުރަން މިއީ އެންމެ ރަނގަޅު ގޮތް ތަ؟

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ބުނަނީ ކުނި ނެރެން ޖެހޭނީ ވަކިކޮށްގެންކަމަށެވެ. ކުނި ވަކި ކުރަންވީއެވެ. ހިދުމަތްދޭން ތިބި ބަޔަކަށް ފަސޭހަ ވާނެހެން ކަންކަން މަގުފަހި ކުރުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ކަން އޮންނަ އުސޫލުވެ. އެކަމަކު އެއްކޮޅުން ތަރުތީބު ކުރުމާއި ތަހުޒީބުގެ ވާހަކަ ދައްކާއިރު، އާދައިގެ ރައްޔިތު މީހާ ކުނި ވަކިކޮށް މެނޭޖު ކުރުމުގައި އިތުރު ހަރަދާއި ތަކުލީފް އުފުލަން ޖެހޭގޮތަށް އުސޫލު ފުރޮޅައިލަން ވީމަ ކަމަކު ނުދާނެއެވެ. ކުނި ވަކި ކުރަން އެންމެވެސް ތާއިދެވެ. އެކަމަކު އުފުލަންޖެހޭ ތަކުލީފަށް އެންމެންވެސް ތިބީ ހިތްހަމަ ނުޖެހިފައެވެ.

ކުނި ވަކި ކުރުމާއި ޕްލާސްޓިކް ކޮތަޅު އަގު ބޮޑު ކުރުން އިއްތިފާގެއް؟

މިހާރު ކަންމަތީ ފިހާރައިން ޕްލާސްޓިކް ކޮތަޅެއް ދެ ރުފިޔާއަށް ގަންނަންޖެހޭ ހިސާބައް ކަންކަން ގޮސްފިއެވެ. ކަންމަތީ ފިހާރަ ސޭޓު ރައްޔިތަކަށް ޕްލާސްޓިކް ކޮތަޅެއް ހިލޭ ދޭ ނަމަ 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް ގާނޫނުގައިވެއެވެ. ކަންމަތީ ފިހާރައިގެ ސޭޓު ވެސް މިވަނީ ތަޅު އަޅުވާ އަނދަގޮޑިޖަހާފައެވެ. ގައުމުގެ އަމާޒުހިފާފަހުރީ ޖޫރިމަނާގެ ކޮޅިގަނޑެއްގެ ތެރެއަށެވެ.

ދައުލަތުގެ ބަޖެޓަށް އާމްދަނީ ހޯދަން ހިމަނާފައިވާ އާ ކަންކަމުގެ ތެރެއިން އެއް ކަމަކީ ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމެވެ. ކޮތަޅަކުން ދެ ރުފިޔާގެ ޓެކްސްއެއް ނަގަން ނިންމާފައި ވާއިރު، އެ ޓެކްސް އިން އަހަރަކު 48 މިލިއަން ރުފިޔާގެ އާމްދަނީއެއް ސަރުކާރަށް ލިބޭނެ ކަމަށްވެއެވެ.

ކުނި ވަކި ކުރަން ބުނިއިރު ރީސައިކަލް ފެސިލިޓީ އެބަހުރިތަ؟

ވެމްކޯއިން ބުނަނީ، އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެން ކަމަށެވެ. އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއަދު ރައްޔިތުން ނަށް ކުނިއަޅަން މިޖެހުނީ ތަށި ބަރީގެ އެންމެ މަތީބަޔަށް ރިހަކޮޅާއި، އެއާ ޖެހުނު ބަޔަށް ބަތްކޮޅު އަޅާ އުސޫލުންނެވެ.

މާލެއާއި ރަށްރަށާއި، ރިޒޯޓުތަކުގައި އުފެދޭ ކުނި ޖަމާކުރާ ތަނަކަށް ވެފައި އޮތީ، ތިލަފުއްޓެވެ. ތިލަފުށީގައި މިހާރު ވެސް ކުނި ނައްތައިލުމަށް ކުރާހާވެސް ކަމަކީ ކުނި އެންދުމެވެ. ކުނި ރައްކާތެރި ގޮތުގައި ނައްތާލަން ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރާނީ ކޮން ދުވަހަކުން ބާއޭވެސް ހިތަށް އަރައެވެ.

އެކަމަކު ރީސައިކަލިންގެ ފެސިލިޓީގެ މައުޟޫގައި ނަން ނުޖެހުމަށ ޝަރުތުކޮށް ވެމްކޯގެ އޮފިޝަލަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ ޕްލާސްޓިކް ޝްރެޑް ކުރުމާއި، ކުނިން ހަކަތަ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް އެ ކުންފުނިން ކުރާ ކަމުގައެވެ. ކުނިން ގަސްކާނާ އުފެއްދުމުގެ މަސައްކަތް ވެސް ވެމްކޯއިން ކުރެއެވެ.

”ޕްލާސްޓިކް ފުޅިއާއި ހުރިހާ ބާވަތެއް މި ހަވާލު ކުރަނީ ޕާލޭއަށް.“ އޮފިޝަލު ބުންޏެވެ.

ޕާލޭ އަކީ ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ.

އޮފިޝަލު ބުނިގޮތުގައި ރީސައިކްލިން ޕްރޮސީޖާގެ ތެރޭގައި އެހާ ގިނަ ފެސިލިޓީއެއް އެ ކުންފުނީގައި ނެތެވެ.

”އަހަރުމެން ލަކުޑިވެސް ރީފާބިޝް ކުރަން ޖެހޭނެ ދޯ. ޕެލެޓް އެއްޗެހިވެސް އަހަރެމެނަށް ޔޫޒް ކުރެވޭނެ ކަބަޑު އެއްޗެހި ހަދާ، ކުދި ކުދި ރެކު އެއްޗެހި ހަދާ ވިއްކޭނެ. އެ އެއްޗެހި އަންދާލަން ގެންދިޔުމަށްވުރެ ރީ ޔޫޒް ކުރުމުގެ ބޭނުން އިންނަނީ ދޯ.“ އޭނާ ބުންޏެވެ.

ހަގީގަތުގައި ކުނި ވަކި ކުރުމުގެ ހަބަރުން އާންމުން ވީ މާޔޫސެވެ. މިސަރުކާރުން ރައްޔިތުން ޖޫރިމަނާއެއް ކުރާން އާގޮތެއް ހޯދި ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

ރާއްޖެ ސާފުކޮށް ބޭއްވުމަށް ނުވަތަ ވޭސްޓް މެނޭޖު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޅުޖެހިފައިވާ ވެމްކޯ ކޮޅަށް ޖައްސަވައި، އެކުންފުންޏަށް އަލަށް 5 ކޮޅުވެއްޓި ނުވަތަ ލޭންޑިން ކްރާފްޓް ގެންނެވިއެވެ. 75 ވެހިކަލަށްވުރެ ގިނަ ވެހިކަލް ކުނި ނެގުމަށް އޮޕަރޭޓް ކުރެވެމުން ދިޔައެވެ. 1،500 އަށް ވުރެން ގިނަ ވަޒީފާ ފަހިވެގެން ދިޔައެވެ. ވެމްކޯ މިހާރުވެސް ހިންގަން ޖެހޭނީ އޭރު އެ ކުންފުނި ހިންގި މަގުން ކަން މިހާރު ގަބޫލު ކުރަން ޖެހެއެވެ.

މިސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފެނިގެން މިދަނީ ހައްތަހާވެސް ހިނގައިނުގަނެވި، ފިރުކިފައި އުޅޭތަނެވެ. ރައްޔިތުންނަށް އިތުރު ތުރާލަކާ މުސީބާތެއް ކުނީގެ މައްސަލައިގައި ސަރުކާރުން ޖައްސައިފިއޭ ނުބުނާން ވީ ހެއްޔެވެ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button