ޚަބަރު

ޖޭޕީ މޯގަންއިން ދައްކަނީ އިގްތިސާދީ އޮއްޓަރު ހުރި ވާހަކައެއް ނޫން: މިނިސްޓަރ މައުސޫމް

ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ޖޭޕީ މޯގަންއިން ދީފައިވާ އިންޒާރަކީ އިގްތިސާދީ އޮއްޓަރު ހުރި ވާހަކައެއް ނޫން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުالله މައުސޫމް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އެންމެ ފުންނާބުއުސް އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަންއިން ބުނެފައިވާ ގޮތުގައި ރަޝީޔާ ޔޫކްރެއިން ހަންގުރާމަ ފަދަ ކަންކަމުގެ ސަބަބުން ލޯނު ހޯދުމުގެ ދަތިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި، ރިޒާވް ހުސްވެ ލޯނުތައް އަންބުރާ ނުދެއްކިދާނެ ކަމުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާ އެއްގައުމަކީ ދިވެހިރާއްޖެއެވެ. އަދި 2023 ވަނަ އަހަތުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް މުޅިން ހުސްވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންނަމަވެސް ރާއްޖޭޓީވީގެ “ފަލަސުރުހީ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގެ މިހާރު އޮތް އިގްތިސާދީ ހާލަތުން އަރައިގަތުމުގެ ވިސްނުމާއި ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމާއި، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބުނެ ޖޭޕީ މޯގަންއިން ހާމަކުރި ތަފާސަކީ އެ އިދާރާގެ ރިސެޕްޝަނިސްޓަކު ބުނި ވާހަކައެއް ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެފަދަ ވާހަކައެއް ބޮޑު ސުރުހީއަށް ލައިގެން ދެއްކުމަކީ ސިޔާސީ ވާހަކަ ކަމަށާއި، އެއީ އިގްތިސާދީގޮތުން އޮއްޓަރު ހުރި ވާހަކައެއް ނޫންކަމަށަ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓަރ އަމީރުވެސް ދާދިފަހުން މިކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިތަފާސަކީ ޖޭޕީ މޯގަންއިން ރަސްމީކޮށް ނެރުނު ތަފާސެއް ނޫންކަމަށާއި، މިއީ އެ އިދާރާގެ ރިސާޗަރަކު ނެރުނު ތަފާސެއް ކަމަށެވެ.

ދެމިނިސްޓަރުންވެސް މިފަދައިން ފާހަގަކުރައްވާފައި ވީނަމަވެސް، ޖޭޕީ މޯގަންއިން އާންމުކޮށް މި ބީދައިން، އެ އިދާރާގެ ރިސާޗަރުން މެދުވެރިކޮށް ތަފާސް ހާމަކުރެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ޖޭޕީ މޯގަންގެ ތަފާސް ތަކަކީ އިގްތިސާދީ އިންޑިކޭޓަރެއްގެ ގޮތުގައި ބަލައި އެއްޗެވެ. އަދި އެ އިދާރާކީ މުޅި ދުނިޔޭގައިވެސް އެންމެ އިޙްތިރާމް ލިބިގެންވާ އެއް އިދާރާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖޭޕީ މޯގަންގެ މި ތަފާސް އާންމު ކުރުމާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ދަނީ އެކަމަށް ރައްދު ދެމުންނެވެ. އެގޮތުން ޖޭޕީ މޯގަން އިން ދައްކަނީ ދޮގު ވާހަކަ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވާއިރު، ޖޭޕީ މޯގަން އަކީ އެއްވެސް އުރަތްޕެއް ނެތް އިދާރާއެއްކަމަށް ދޭހަވާ މޭރުމުންވެސް ބައެއް ވަޒީރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button