ކުނި ވަކިކުރަން ވެމްކޯއިން ނިންމިއިރު، ރީސައިކްލިން ފެސިލިޓީއެއް ނެތް!
ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުނި ވަކި ކޮށްގެން ނަގަން ނިންމިއިރު ހުރިހާ ބާވަތެއްގެ ކުނި ރީސައިކަލް ކުރެވޭ ފެސިލިޓީއެއް ނެތް ކަން ހާމަވެއްޖެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވެމްކޯގެ ކުނި މެނޭޖު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފަކު ބުނީ މިވަގުތު އެ ކުންފުނީގަ ހުރީ ޕްލާސްޓިކް ފަދަ ބާވަތްތައް ޝްރެޑް ކުރެވޭނެ ނިޒާމް އެކަނި ކަމުގައެވެ. އެކަމަކު ރީސައިކަލިން ޕްރޮސެސްއެއް ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ނެތްކަން އޭނާ ފާހަގަކުރިއެވެ.
”އަސްލުގަ އަނެއްހެން ބުނަންޏާ އެހާ ބައިވަރު ފެސިލިޓީއެއް ނެތް. ވަރަށް ބައިވަރު ކަންކަން ރީސައިކްލިން ޕްރޮސެސް ތެރެއިން ހިނގާނެ. އަހަރުމެން ލަކުޑިވެސް ރީފާބިޝް ކުރަން ޖެހޭނެ ދޯ. ޕެލެޓް އެއްޗެހިވެސް އަހަރެމެނަށް ޔޫޒް ކުރެވޭނެ ކަބަޑު އެއްޗެހި ހަދާ، ކުދި ކުދި ރެކު އެއްޗެހި ހަދާ ވިއްކޭނެ. އެ އެއްޗެހި އަންދާލަން ގެންދިޔުމަށްވުރެ ރީ ޔޫޒް ކުރުމުގެ ބޭނުން އިންނަނީ ދޯ.“ އޭނާ ބުންޏެވެ.
އެހެން ނަމަވެސް ރީސައިކްލިން ޕްރޮސެސް ހިންގުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ. ގަސްކާނާ އުފެއްދުމާއި، ޕްލާސްޓިކް އުފެއްދުމުގެ މަސައްކަތް ވެމްކޯއިން ކުރާއިރު، ޕްލާސްޓިކް ފުޅި ފަދަ ބާވަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދާ ޖަމްއިއްޔާއެއް ކަމަށްވާ ޕާލޭ އާއި ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށް އޮތްތަނުގައިވެސް ކުރިޔަށް ގެންދާނެ ކަމުގައި އޭނާ ބުންޏެވެ.
”ރައްޔިތުންނަށް ހީވާނީ އުނދަގުލެކޭ މިއީ. އެކަމަކު ހުރިހާ ކުންޏެއް އެއްކުރުމުގެ ސަބަބުން ރޯދަ މަސްތެރޭގައި ކުއްޖެއްގެ ފަޔަށް 3 އިންޗި ވަޅިއެއްވެސް ހެރުނު.“ މުވައްޒަފު ބުންޏެވެ.
ވެމްކޯއިން ދެކޭގޮތުގައި ކުނި ވަކި ކުރުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުން އުފުލަން ޖެހޭ ބުރަ ބޮޑުތަނުން ލުއިވެ، ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ. އެހެން ނަމަވެސް ކުނި ވަކު ކުރި ދަނޑިވަޅާ ދިމާކޮށް ޕްލާސްޓިކް ކޮތަޅުގެ އަގު ބޮޑުވުމުގެ ސަބަބުން އާންމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަމަށް އަވަސް ހައްލެއް ނުގެނެވިއްޖެ ނަމަ، ގޭބިސީތަކުން ކުރަންޖެހޭ ހަރަދު ބޮޑުވެގެންދާނެ ކަމުގައި އާންމުން ދަނީ ބުނަމުންނެވެ.