ޚަބަރުސިޔާސީ

އިންޑިއާ ސަފީރު ހަނިމާދޫއަށް ދިޔައީ ޔޫޓީއެފް ޖަހާފައި އޮތް ފައިލެއް ހިފައިގެން: މުހައްމަދު

އިންޑިއާ ސަފީރު މުނޫ މަހާވަރު ހަނިމާދޫއަށް ދިޔައީ ޔޫޓީއެފް ޖަހާފައި އޮތް ފައިލެއް ހިފައިގެން ކަމުގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެެވެ.

ސަފީރަށް ދިވެހި ސިފައިންގެ ބަޔަކު މަރުހަބާ ކިޔައި ފޮޓޯތަކެއް އާންމުކުރައްވައި މުހައްމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ސިފައިންގެ ތެރެއިން އިންޑިއާއަށް ވިކިފައިވާ ބަޔަކު ހަނިމާދޫއިން އިންޑިއާ ސަފީރު ރިސީވް ކުރި ކަމުގައެވެ.

”މިއީ ބޮޑު ތަފާތު ކުރުމެއް. އެހެނިހެން ގައުމު ތަކުގެ އެމްބަސަޑަރުން ރިސީވް ކުރަން ސިފައިންނެއް ނުތިބޭ. ޕްރޮގަރާމްގައި ސިފައިންނާ ގުޅޭ ކަމެއް ނެތް.“ މުހައްމަދު ވިދާޅުވިއެވެ.

އޭނާ ތުހުމަތުކުރެއްވި ގޮތުގައި އުތުރު ތިލަފަޅު (UTF) ޖަހާފައިވާ ފައިލެއް ސަފީރު ދަތުރުކުރައްވާ ހުރިހާ ތަނަކަށް ގެންދަވައެވެ. އަދި އެ ފައިލުގައި ޔޫޓީއެފް އާއި ގުޅޭ އެއްބަސްވުމެއް އޮތެވެ. އުތުރު ތިލަފަޅަކީ އިންޑިއާ ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން އަންނަ އެމްއެންޑީއެފް ގެ ބޭސް އެއްގެ ގޮތުގައި އިދިކޮޅުން ތުހުމަތު ކުރާ ތަނެކެވެ.

އިންޑިއާ ސަފީރު ހަނިމާދޫއަށް ވަޑައިގެންނެވީ ހއ.ހޯރަފުށީ ކައިރީ އޮންނަ ހުވަހަންދޫ ކިޔާ ރަށެއް އިންޑިއާއަށް ދޭން ސަރުކާރުން މަސައްކަތްކުރާ ކަމަށް ޕީއެންސީގެ ނައިބު އަދި މާވަށު ދާއިރާގެ މެންބަރު ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެނގިފައިވާ ގޮތުގައި ހުވަހަންދޫ ކަންތަކުގައި ސަފީރު އަންނަނީ ސަރުކާރާ މަޝްވަރާ ކުރަމުންނެވެ.

ސަފީރުގެ މި ދަތުރުފުޅުގައި ހަނިމާދޫ ކައުންސިލް މެންބަރުންނާ ބައްދަލު ކުރެއްވުމާއި, އެ ރަށު އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ބެއްލެވުމާއި, ހއ.ދިއްދޫއަށް ވަޑައިގެންނެވުން ހިމެނެއެވެ. އެނބުރި މާލެ ވަޑައިގަންނަވާނީ ދިއްދޫ ތައުލީމީ މަރުކަޒުގައި މިރޭ އޮންނަ ހާއްސަ ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button