ޚަބަރުސިޔާސީ

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ދައުވާ ނުކުރަން ނިންމި ސަަބަބު ޕީޖީ އޮފީހުން ވަނީ ”ބޮންތި“ އަށް ސާފުކޮށްދީފައެވެ. އެއީ:

‎1. މ.ލަވްނެސްޓްގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރަކަށް އެދި ހުށަހެޅުމުގެ އެކަށީގެންވާ ވަގުތާއި ފުރުޞަތު ލިބިމެ، އެގެ ބަލައިފާސްކޮށްފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށްވުމާއި، ގޭގެ ވެރިފަރާތަކީ ކާކުކަން އެނގެން އޮތްއިރު، އެގެ ބަލައިފާސްކުރުމުގެ ހުއްދަ އެހެން މީހަކު އަތުން ހޯދާފައިވާތީ، މަސްތުވާތަކެތި ފެނުނު ސީން ކަމުގައިވާ މ.ލަވްނެސްޓަށް ފުލުހުން ވަދެ ބަލައިފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އާއި، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 149 ވަނަ މާއްދާއާ ހިލާފަށް ކަމުގައިވުން.

‎2.މި މައްސަލައިގެ ސީންގައި ކަންވީގޮތާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަވެފައިވުން.

‎3.މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރިއިރު އެ ތަންތަނުގައި ހުރި، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަމަށް ފެންނަ ބައެއް ތަކެތި ތަހުގީގަށް ނަގައި، ތަހުލީލު ކޮށްފައިވާކަން ހުށަހެޅި ލިޔުންތަކުން އެނގެން ނެތަތީއާއި، މައްސަލައިގައި ހޯދިދާނެކަމަށް ފެންނަ މުހިންމު ހެކިތަކެއް ހޯދިފައި ނުވާތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާ، ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެކި ގަރީނާ ހޯދިފައި ނުވުން.

އެ މައްސަލައިގައި ހައްޔަރުކުރީ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އާއި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި އަބްދުﷲ ނަޝީދެވެ.

ޕީޖީން އެ ދެމީހުންގެ މައްޗަށް ދައުވާ ނުކުރި ސަބަބު ސާފުކޮށްދިންއިރު އެކަންކަމުން ފުލުހުންގެ އިހުމާލު މި މައްސަލައިގައި ބޮޑުކަން ހާމަވެއެވެ. އެ ދެމީހުންވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button