
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމް އާއި، ކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީ، އަދި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ޑީއާރުޕީގެ އިތުރުން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މި ހަތަރު ޕާޓީއަށް ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ކުރިއަށް 3،000 މެންބަރުން ހަމަކުރުމަށެވެ.
މި ނޯޓިސްއާއި ގުޅިގެން މީގެ ތެރެއިން ބައެއް ޕާޓީތަކުން ވަނީ އީސީއިން ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް އެއިދާރާއިން ބުނީ ނޯޓިސް ދީފައިވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ކަމަށާއި، އެއަށްވުރެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.
އީސީގެ ދަފްތަރުން ދައްކާގޮތުގައި އެމްއާރުއެމްގައި މިވަގުތު ރަޖިސްޓްރީ ވެފައިވަނީ 2،302 މެންބަރުންނެވެ. އަދި އެމްޓީޑީގައި 2،489 މެންބަރުން ރަޖިސްޓްރީ ވެފައިވާއިރު، ޑީއާރުޕީގައި ތިބީ 2،280 މެންބަރުންނެވެ. އެމްއެލްއެސްޑީޕީ ގައި ރަޖިސްޓްރީ ވެފައިވާކަމަށް ދައްކަނީ 2،725 މެންބަރުންނެވެ.
އީސީގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނަ ޕާޓީތަކަކީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ.