ޚަބަރުސިޔާސީ

އެމްއާރްއެމް އުވާލުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

ކުރީގެ ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވުމަންޓް (އެމްއާރްއެމް) އުވާލުމުގެ މަސައްކަތް މަޑު ޖައްސާލުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.

އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ފުރުޞަތު ދިނުމުންވެސް ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

(އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަަނުން ނިންމުމުން އެކަމަށް ރައްދުދެއްވާ އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްގެ މަސައްކަތް ކުރިއަށްއޮތް ތަނުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އެޕާޓީގެ ރައީސް ފާރިސް މައުމޫނު ވަނީ ވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމާފައިވަނީ ކޮރަޕްޝަންގެ ތެރެއިން ޤާނޫނީ ތަރަޙައިގެ ބޭރުން ކަމަށާއި، އެކަމުން ގައުމުގައި ފަސާދަ އާއި ކޮރަޕްޝަންގެ ވަކި ހިއްޕާލާފައި އޮތް މިންވަރު ހާމަވެގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފާރިސް ވަނީ އީސީގެ ނިންމުމުގެ މައްޗަށް ކުރި ހޯދާނެ ކަމަށާއި، މިކަމުގައި ކޯޓަށް ދާންޖެހޭ ހިސާބުން އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްއާރުއެމް އުވާލަން ނިންމާފައިވީނަމަވެސް ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ޕާޓީއިން އެމައްސަލައިގައި ހުށައެޅި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ، އެ ޕާޓީ އުވާލަން އީސީން ނިންމި ނިމުމަށް އަމަލުކުރަން މި ވަގުތަށް ފަސް ކުރުމަށެވެ.

ވަގުތީ އަމުރު ނެރުމަށް ބޭއްވި ޝަރީއަތުގައި އެމްއާރްއެމުން ބުނެފައި ވަނީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމާފައި ވަނީ ޤާާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެ ޕާޓީގެ ނަމުގައި ހަރަކާތް ނުހިންގުމަށް އެނގި އެންގުން ބާތިލުކުރުމަށް ވެސް އެ ޕާޓީން އެދިފައި ވެއެވެ.

މި މައްސަލާގައި ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން އިތުރު މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް، އެ ޕާޓިން ބުނެފައިވާތީ، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށް ސިވިލް ކޯޓްގެ ޙުކުމްގައި ވެއެވެ. އިލެކްޝަން ކޮމިޝަނުގެ ޣައިރު ހާޒިރުގައި ނިންމި މައްސަލައިގައި ސިވިލް ކޯޓުން، އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

އެމް.އާރް.އެމް އުވާލުން މަޑުޖައްސާލުމަށް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން އެޕާޓީ އިން ނެރުނު ނޫށްބަޔާނުގައި ބުނީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އުވާލަން ނިންމާ މިމަހުގެ 24ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ޢަމުރު ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުން މިރޭ ވަނީ އަމުރުކޮށްފައިކަމަށެވެ. އަދި އެޕާޓީން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަމަށާއި، އެހެންނަމަވެސް، އެމްއާރުއެމުން އަބަދުވެސް ޔަޤީން ކުރާކަމަކީ މި މައްސަލައިގައި ޢަދުލު އިންސާފު ޤާއިމު ކުރެވޭނެކަން ކަމުގައި ބުނެފައިވެއެވެ. އެހެންކަމުން، އެމް.އާރް،އެމް ގެ މަސައްކަތްތަށް ކުރި އެކޭ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ހުރިހާ ގޮފިތަކާއި، ކޮމިޓީތަކާއި އަދި އެންމެހާ މެންބަރުންނަށް ވަނީ އަންގާފައެވެ.

އެމްއާރުއެމް އުވާލަން ނިންމިއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button