
ރައީސް މައުމޫނުގެ ސިޔާސީ ޕާޓީ އެމްއާރުއެމް އުވާލުމުގެ މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކޮށްދިނުމަށް އެދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ފުރުޞަތު ދިނުމުންވެސް ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ. އަދި އެ ޕާޓީގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުންވެސްވަނީ މަނާކޮށްފައެވެ.
އެ ޕާޓީއިން އެމައްސަލައިގައި ހުށައެޅި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ، އެ ޕާޓީ އުވާލަން އީސީން ނިންމި ނިމުމަށް އަމަލުކުރަން މި ވަގުތަށް ފަސް ކުރުމަށެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވާލުމަށް ނިންމި ނިންމުން މަޑުޖެއްސުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މުރާޖަޢާކުރުމަށް ކޯޓަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމައިފި
— Elections Commission (@ElectionsMv) May 29, 2023
ވަގުތީ އަމުރު ނެރުމަށް ބޭއްވި ޝަރީއަތުގައި އެމްއާރްއެމުން ބުނެފައި ވަނީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމާފައި ވަނީ ޤާާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެ ޕާޓީގެ ނަމުގައި ހަރަކާތް ނުހިންގުމަށް އެނގި އެންގުން ބާތިލުކުރުމަށް ވެސް އެ ޕާޓީން އެދިފައި ވެއެވެ.
މި މައްސަލާގައި ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން އިތުރު މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް، އެ ޕާޓިން ބުނެފައިވާތީ، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށް ސިވިލް ކޯޓްގެ ޙުކުމްގައި ވެއެވެ. އިލެކްޝަން ކޮމިޝަނުގެ ޣައިރު ހާޒިރުގައި ނިންމި މައްސަލައިގައި ސިވިލް ކޯޓުން، އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.
އެކަމާއި ގުޅިގެން އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެމްއާރުއެމް އުވާލުން މަޑުޖައްސާލުމާ ގުޅޭގޮތުން ނެރުނު ވަގުތީ އަމުރު މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.