ހަލިމަގު އެކްސިޑެންޓްގައި ނިޔާވިމީހާ ސައިކަލު ދުއްވީ ނުބައި ލޭނަކުން: ފުލުހުން

ކުރުދުވަހުގެ ރޭ ހަލިމަގުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މީހާ ސައިކަލު ދުއްވާފައި ވަނީ ނުބައި ލޭނަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގައިފައިވަނީ ހަލިމަގު، މާލެއިން ހުޅުމާލެ އަށް ދާފަޅި، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާގޮތަށް ކާރެއް ހުއްޓިފައި އޮތުމުން، ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާއުތެރިކަމަށް ޓަކައި، އެކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި، އެކްސިޑެންޓްވި ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި އައިސް އެ ޕިކަޕުގެ ފަހަތުގައި ޖެހިގެން ކަމަށެވެ.
އެކްސިޑެންޓްވީ ސައިކަލު ދުއްވާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ ހުއްޓިފައި އޮތް ކާރު ނެގުމަށް ފުލުހުންގެ ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮަށްފައި އޮތް ކަން އަންގައިދޭ ހަތަރު ސިގްނަލް ޖައްސައިގެން ކަމަށެވެ. އަދި ފުލުހުން ނެގި ކާރަކީ އެރޭގެ 20:07 އެހާއިރު ހުއްޓިގެން އެތަނުގައި ބާއްވަފައި އޮތް ކާރެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އިތުރަށް ތަހްޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.