ޚަބަރުސިޔާސީ

އެމްއާރުއެމް އުވާލުމުން އެޕާޓީގެ މަސައްކަތް އިތުރަށް ވަރުގަދަކުރަނީ

ކުރީގެ ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވުމަންޓް (އެމްއާރްއެމް) އުވާލަން އިލެކްޝަންސް ކޮމިޝަަނުން ނިންމުމުން އެކަމަށް ރައްދުދެއްވާ އެމްއާރުއެމްގެ މަސައްކަތް ކުރިއަށްއޮތް ތަނުގައި އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އެޕާޓީގެ ރައީސް ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ފާރިސް މިފަދައިން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ، އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ފުރުޞަތު ދިނުމުންވެސް ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީީ އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފާރިސް ވިދާޅުވީ އެމްއާރުއެމް އުވާލަން ނިންމާފައިވަނީ ކޮރަޕްޝަންގެ ތެރެއިން ޤާނޫނީ ތަރަޙައިގެ ބޭރުން ކަމަށާއި، އެކަމުން ގައުމުގައި ފަސާދަ އާއި ކޮރަޕްޝަންގެ ވަކި ހިއްޕާލާފައި އޮތް މިންވަރު ހާމަވެގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މިދަނޑިވަޅުގައި ޕާޓީގެ މެމްބަރުންނާއި، އެ ޕާޓީއަށް ސަޕޯޓުކުރައްވާ އެންމެހާ ފަރާތްތަކުން ކެތްތެރިވެ ތިބުމަށް ފާރިސް ވަނީ އިލްތިމާސްކުރައްވާފަައެވެ.

މީގެ އިތުރުން ފާރިސް ވަނީ އީސީގެ ނިންމުމުގެ މައްޗަށް ކުރި ހޯދާނެ ކަމަށާއި، މިކަމުގައި ކޯޓަށް ދާންޖެހޭ ހިސާބުން އެކަންވެސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްއާރުއެމް އުވާލަން ނިންމާފައިވީނަމަވެސް ޕާޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

”މި ދިމާވި ކަންތަކުގެ ސަބަބުން (އެމްއާރުއެމް އުވާލުމުގެ ސަބަބުން) އަޅުގަނޑުމެންގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާނެ ކަމުގެ ޔަޤީންކަންވެސް މިވަގުތުއަރުވަން“ ފާރިސް ވިދާޅުވިއެވެ.

ފާރިސް އިތުރަށް ވިދާޅުވީ އެޕާޓީ ނެތި ދިޔަޔަސް ދާނީ އެގޮތުގައި ތިއްބަވައިގެން ކަމަށެވެ. އަދި ޕާޓީ ނެތިދިޔުން އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، މިމަސައްކަތުގައި ތާއީދާއި ހިތްވަރު ރައްޔިތުންގެ ކިބައިން ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާރިސް ވަނީީ ޙައްޤުގެ މަގުގައި ސާބިތުކަން މަތީ ދެމިތިބުމަށް އެޕާޓީގެ މެމްބަރުންނަށް އިލްތިމާސްކުރައްވާފައެވެ.

އެމްއާރުއެމް އުވާލަން ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ކެންޑިޑޭޓަކު ނެރުމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button