
އިދިކޮޅު ޕީޕީއެމުން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ “އިންޑިއާ އައުޓް” މުޒާހަރާގެތެރެއިން އަނިޔާވި ވީޓީވީގެ ނޫސްވެރިޔާ މުހައްމަދު މިޝާލް އިގުބާލް އަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
މިޝާލްގެ އާއިލާ އާއި ހަވާލާދީ ވީޓީވީގެ މުވައްޒަފެއްގެ ފަރާތުން އޭނާ ދޫކޮށްލިކަން ވަނީ ”ބޮންތި“ އަށް ކަށަވަރުވެފައެވެ.
މިޝާލް ދޫކޮށްލާފައިވާއިރު އޭނާގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހީ މުޒާހަރާގެ މަންޒަރުތައް ވީޑިއޯ ކުރަން ހުއްޓައެވެ. މިޝާލަކީ ނޭވާ ހިއްލާ ބަލި ހުންނަ ފަރާތެކެވެ. އޭނާގެ މޫނަށް ޕެޕާރ ސްޕްރޭ ޖަހާފައިވަނީ ހަސަން (ސނ:4219) ނަމަކަށް ކިޔާ ފުލުހެކެވެ.
ސްޕްރޭ ޖެހުމަށް ފަހު ފުލުހުންގެ އޯޕަރޭޝަނަލް ސޭފްޓީ އެންޑް ޓްރެއިނިންގް ޓެކްޓިކްސްގައިވާ ފަދައިން އާފްޓަރ ކެއަރ ދީފައެއް ނުވެއެވެ.
މިރޭގެ މުޒާހަރާގެ ތެރެއިން 4 މީހަކު ހައްޔަރު ކޮށްފައިވާއިރު 7 މީހަކަށް އޭޑީކޭގައި ވަނީ ފަރުވާ ދީފައެވެ.