
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ވީޓީވީގެ ނޫސްވެރިޔާ މުހައްމަދު މިޝާލް އިގްބާލަށް ފުލުހުން ދިން އަނިޔާ ކުށްވެރިކުރާކަމަށް ވީޓީވީގެ ކުޑަދަށުން ހިންގާ ވީ ނިއުސް އިން ބުނެފިއެވެ.
ވީ ނިއުސް އިން ރިޕޯޓު ކުރިގޮތުގައި އިދިކޮޅު ”އިންޑިއާ އައުޓު“ މުޒާހަރާ ކަވަރު ކުރަމުންދިޔަ މިޝާލްގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި މައްސަލަ ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މިޝާލްގެ ލޮލަށް ޕެޕާ ސްޕްރޭ ޖެހުމާއެކު އޭނާއަށް އަވަސް ފަރުވާ ދިންކަމަށް ބުނެ ވީ ނިއުސްގެ ނޫސްވެރިޔަކު ވަނީ ދޮގު ހަދައި އޮޅުވާލާފައެވެ. އަދި މިޝާލްގެ ހާލު ސީރިއަސްވި ކަމަށް ”ބޮންތި“ ނޫހުން ކުރި ރިޕޯޓަކީ ދޮގު ހަބަރެއް ކަމުގައިވެސް އޭނާ ބުންޏެވެ. އެކަމަކު މިޝާލަށް އަވަސް ފަރުވާ ދީ އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އިދިކޮޅު މުޒާހަރާގެ ދެ ބައިވެރިއެކެވެ. އަދި އޭނާ ސީރިއަސް ހާލަތަކަށް އެވަގުތު ދިޔައީ ނޭވާ ހިއްލާ ބަލި ހުރުމުގެ ސަބަބުންނެވެ.
މިޝާލް އަށް ލިބުނު އަނިޔާ ވީނިއުސްގެ ނޫސްވެރިޔަކު އޮޅުވާލަން މަސައްކަތް ކޮށްފައިވާއިރު، އޭނާ ނޭވާ ހާސްވެގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އަދި ވީޓީވީގެ މުވައްޒަފަކު ”ބޮންތި“ އަށް މައުލޫމާތު ނުދޭ ކަމަށްބުނެ ވީނިއުސްގެ ނޫސްވެރިޔަކު ހަގީގަތް އޮޅުވާލަން މަސައްކަތް ކޮށްފައިވާއިރު, އަނިޔާ ލިބުނު ނޫސްވެރިޔާގެ ފުރިހަމަ ނަންވެސް ”ބޮންތި“ އާ ހިއްސާ ކުރީ ވީޓީވީގެ މުވައްޒިފެކެވެ.
މިޝާލްގެ ހާލު ސްޓޭބަލް ވުމުން އޭނާ ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ދޫކޮށްލާފައެވެ.