ފުލުހުންގެ ތުހުމަތުތައް މެމްބަރު އާމިރު ދޮގު ކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރޭގެ ވަގުތެއްގައި ވަރަށް އަނިޔާވެރިކޮށް ފުލުހުން ހައްޔަރުކޮށް އޭނާ އާއި ގުޅޭގޮތުން މީޑިއާ ތަކަށް ދީފައިވަނީ ކަނޑައެޅިގެން ދޮގު މަޢުލޫމާތު ކަމުގައި އާމިރު ވިދާޅުވެއްޖެއެވެ.
ރޭގެ ހާދިސާއާއި ގުޅޭގޮތުން މީޑިއާ ތަކުގައި އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުން ގެންދިއުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އާމިރު ވަނީ ފުލުހުންނަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ދިވެހި ރާއްޖޭގައި ޤާނޫނުތައް ހެދިފައިހުރީ އާންމު އެންމެހާ ފަރާތްތަކަށްވެސް ހަމަހަމަ ކަމާއިއެކު ޤާނޫނުތައް ތަންފީޒު ކުރުމަށް ނަމަވެސް ފުލުހުން ޢަމަލު ކުރަނީ އެފަދައިން ނޫންކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ފުލުހުން ހަމައެކަނި ތަންފީޒު ކުރަންޖެހޭނީ ޓްރެފިކް ޤާނޫނު ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އާމިރު ވަނީ ރޭގައި އޭނާ އާއި މެދު ފުލުހުން ޢަމަލުކުރި ގޮތް ވިދާޅުވެ، ފުލުހުން އާމިރު އާއި ގުޅޭގޮތުން ދެއްކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑު ރޭގައި ދުއްވާފައި ދަނިކޮށް ޗެކް ޕޮއިންޓެއްގައި ތިއްބެވި 2 ބޭފުޅުން އަޅުގަނޑު މަޑުކުރަން އެންގުމެއްނެތި، އެބޭފުޅުން މަޑުކުރުމަށް އެންގިކަމަށްބުނެ، ފަހަތުން އައިސް އަޅުގަނޑު މަޑުކޮށް އަޅުގަނޑު ވީ ނުރުހުމެއް ނީންނާނެ. އަދި ބޭނުންކުރި ހުތުރު ބަހެއް ނޯންނާނެ. އެހިނދު އަޅުގަނޑަށް ވަރަށް ހަރުކަށިކޮށް، ވަރަށް އިޙުތިރާމް ކުޑަކޮށް ބަސްމަގު ބޭނުންކުރައްވާ އެވަގުތުގަ އަޅުގަނޑަށް ވަރަށްބޮޑަށް އަނިޔާކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހުގަ ގެނެވުނީ ކޮން ކަމެއްގަކަން އެނގުނީ. އެތަނަށް ގެންދިއުމަށްފަހު ބުނީ ގެނެވުނީ ޓްރެފިކް ޤަވާއިދާއި ޚިލާފުވެ ޗެކް ޕޮއިންޓަކުން މަޑުކުރަންބުނެ މަޑުނުކުރުމުގެ ސަބަބުންނޭ. އަޅުގަނޑު ބުނިން ތިއީ ކަނޑައެޅިގެން ދޮގެކޭ“ އާމިރު ތަފްޞީލް ކޮށްދެއްވިއެވެ.
ބޭ އަދަބީ ބަސްތައް ފުލުހުންނާއި ދެކޮޅަށް ބޭނުންކުރިކަމަށް ބުނާ ބުނުމަކީވެސް ކަނޑައެޅިގެން ދޮގުކަމަށް އާމިރު ވިދާޅުވިއެވެ. އަދި ފުލުހުންގެ ބޮޑީވޮން ކެމެރާ ބޭނުންކޮށްގެން ވިޔަސް އެއްވެސް ކަހަލަ ހުތުރު ބަހެއް ބޭނުންކޮށްފައިވާނަމަ ހާމަކުރުމަށް އާމިރު ގޮވާލެއްވިއެވެ. ތަކުރާރުކޮށްވެސް އޭނާ އެދެމުން ދިޔައީ އަނިޔާ ނުކުރުމަށް ކަމަށާއި، އެހެން ނަމަވެސް ފުލުހުންގެ ފަރާތުން ލިބުނީ އަނިޔާ ކަމުގައި އާމިރު ވިދާޅުވިއެވެ.
އާމިރު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ހެދިފައިވާ ފުލުހުން ޢަމަލުކުރަންޖެހޭ ޤާނޫނުތަކަށް ފުލުހުން ޢަމަލު ކުރަމުން ނުދާ ކަމަށާއި، އެހެންނަމަވެސް ޓްރެފިކް ޤަވާއިދުތަކާއި ގުޅިގެން މިފަދަ ހަރުކަށި ޢަމަލުތައް ފުލުހުން ހިންގަމުންދާކަމަށެވެ.
މެމްބަރު އާމިރަށ ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު އިރު އޭނާ އަކީ ރައްޔިތުންގެ މަޖްލިސް މެމްބަރެއްކަން އަނިޔާވެރިވި ފުލުހުންނަކަށް ނޭނގެއެވެ. އޭނާ އަކީ މަޖްލިސް މެމްބަރެއްކަން އެނގުނީ އޭނާ ފުލުހަށް ހާޒިރުކުރުމުން ކަމަށް އާމިރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އަކީ މަޖިލީހުގައި 3 ވަނަ ދައުރު އަދާކުރައްވަމުން ގެންދަވާ މެމްބަރެކެވެ.