ޚަބަރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރަށް ފުލުހުން އަނިޔާކޮށް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ރޭގެ ވަގުތެއްގައި ވަރަށް އަނިޔާވެރިކޮށް ފުލުހުން ހައްޔަރު ކޮށްފިއެވެ.

އާމިރަށް ފުލުހުން އަނިޔަކުރަމުންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު އެ ވީޑިއޯއިން ފެންނަނީ މެމްބަރު އާމިރުގެ ސައިކަލު ފުލުހުން ހުއްޓުވައި، ދެ ފުލުހަކު ދެފަރާތުން އާމިރުގެ އަތުގައި ހިފައި އަނިޔާކުރާ މަންޒަރެވެ. އަދި އެވަގުތު އަނިޔާ ނުކުރުމަށް އެދި މެމްބަރު އާމިރު ތަކުރާރުކޮށް އެދެއެވެ. އެހެން ނަމަވެސް ފުލުހުން ދިޔައީ ތަކުރާރުކޮށް އާމިރަށް އަނިޔާ ކުރަމުންނެވެ. އަދި ”މައިތިރިވެގެން ހުރޭ“ ބުނާ އަޑު ވީޑިއޯގައި އިވެއެވެ.

މިކަމާއިގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. މަޝްހޫރު ވިޔަފާރިވެރިޔާ އެޕޯލޯ އާއްޓޭ ކުރި ޓްވީޓެއްގައި ވަނީ ޤާނޫނު ހަދާ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުންނަށް ނެތް ރައްކާތެރި ކަމެއް ދިވެހި އެހެން ރައްޔިތަކަށް އޮންނާނެތޯ ސުވާލު އުފައްދާފައެވެ.

ރޭގެ ހާދިސާއާއި ގުޅެގޮތުން ”ދިޔަރެސް“ ނޫހަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ ރޭ 1 ޖަހާކަށް ހާއިރު ހުޅުމާލޭ ފޭސް 2 ގައި ދުއްވާފައި ދަނިކޮށް ކުއްލިއަކަށް ދެ ފުލުހަކު ސައިކަލު ކުރިމައްޗަށް އެރި ކަމަށާއި އަދި މަޑު ކުރަން ބުނީމަ މަޑު ނުކުރީ ކީއްވެތޯ ސުވާލުކުރިކަމަށެވެ. އަދި ފުލުހުން މަޑުކުރަން ބުނި އަޑު ނީވޭ ކަމަށާއި އެވާހަކަ ފުލުހުންގާތުގައި އޭނާ ބުނި ކަމަށް އާމިރު މަޢުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް ފުލުހުން ބާރުގެ ބޭނުންކޮށް ހައްޔަރުކުރީ ކަމަށާއި، ތަކުރާރުކޮށް އަނިޔާ ނުކުރަން އެދުމުންވެސް ހުއްޓާނުލާކަމަށް އާމިރު ވިދާޅުވިއެވެ. އަދި އެކަންތައް ކުރިއިރު، އެބޭފުޅާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަން ފުލުހުން ގާތުގައި ނުބުނާކަމަށް އާމިރު ވިދާޅުވިއެވެ. އަދި ފުލުހުންނަށް އާމިރުއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަން އެނގުނީވެސް އޭނާ ފުލުހަށް ހާޒިރުކުރި ފަހުން ކަމަށް އާމިރު ވިދާޅުވިއެވެ.

”އަޅުގަނޑު ބުނިން މަޑުކުރަން ބުނި އަޑެއް ނީވެއޭ. ބުނީމަ ޒުވާބުކުރަން ފެށީ. ފުލުހަށް ގެންދިޔުމުން އެމީހުންނަށް އެނގުނީ މެމްބަރެއްކަން.“ އާމިރު ވިދާޅުވިއެވެ.

 

އާމިރު ވިދާޅުވި ގޮތުގައި ފުރަތަމަ ފުލުހަށް ގެންގޮސް އޭނާލީ ބަންދުކުރާ މީހުން ތިބޭ ތަނަކަށެވެ. ނަމަވެސް މެމްބަރެއް ކަން އެނގުމުން ކައުންޓަރު ކުރިމަތީ ބޭންދިކަމަށް ވިދާޅުވިއެވެ.

އަދި ޓްރެފިކް ޤަވާއިދުތަކާ ހިލާފުވިކަމަށް ފޯމެއް ފުރުވާ އޭގައި ސޮއި ކުރަން ބުނިކަމަށާއި ނަމަވެސް ސޮއި ކުރަން ދެކޮޅު ހެދުމުން އެތާ ތިބި ބައެއް ލައްވާ، އެ ފޯމުގައި ސޮއިކުރަން އާމިރަށް އެންގިކަމަށް ސޮއި ކުރުވިއެވެ. އެއަށްފަހު އާމިރުގެ ލައިސަންސް ހިފަހައްޓާ، ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ އޭނާ ޓްރެފިކު ޤާނޫނާއި ޚިލާފުވާން ކުރިކަމެއް ފުލުހުންނަށް ނުދެއްކޭ ކަމަށާއި، އޭނާ އަތުގައި ލައިސަންސް އޮތް ކަމަށެވެ.

އާމިރު ވިދާޅުވީ އެބޭފުޅާއަކީ މަޖިލީހުގެ މެމްބަރަކަށް ވާއިރު، އެ ވަރުކޮށްލިއިރު އާންމު ރައްޔިތުންނަށް ކިހާ ވަރެއް ކޮށްލާނެ ކަން ވަޒަން ކުރެވޭކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ބައެއް ޤާނޫނުތައް ތަންފީޒުކުރަން އެކަނިތޯ ސުވާލުކުރެއްވިއެވެ. މިގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި، ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މައްސަލަތަކާ ގުޅޭ ޤާނޫނުތައް ހަދާފައި ހުއްޓަސް އެއިން މައްސަލައެއް ނުބަލާކަން އާމިރު ފާހަގަކުރެއްވިއެވެ.

ރޭ ފުލުހުން އަމަލުކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮޮށް އާމިރު ވިދާޅުވީ އެ މައްސަލަ ފުލުސް އިންޓެގްރިޓީ ކޮމިޝަނަށާއި، އެޗްއާރުސީއެމްއަށް އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button