ޚަބަރު

ހުޅުމާލޭގައި ހިންގި ބަނގުރަލާއި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން ހުޅުމާލެ ފޭސް 1 ގައި ހިންގި ބަނގުރަލާއި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަންތަކުގެ ތެރެއިން، ޖުލައި 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ނިރޮޅުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރި އިރު 70 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި، މި މައްސަލައާ ގުޅިގެން ބިދޭސީ ތިން ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެއީ 26 އަހަރުގެ މީހަކާއި 37 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރުގެ މީހެއްކަމަށާއި، އެ ތިން މީހުން ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، ޖުލައި 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފްލެޓެއް ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 39 ރަބަރު ޕެކެޓު، ހަތް ސެލޯފިންކޮޅު، ފިލްމު ހުސްކުރި ދަޅެއް، ޖުސްޕެޓީ ކޮތަޅެއް އަދި މޯބައިލް ފޯނުތަކެއްގެ އިތުރުން ފައިސާ ފެނިފައިވާ މައްސަލައާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އެ ދެ މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ޖުވެނައިލް ކޯޓުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. 23 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދީފައިވެއެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button