
ވެރިކަމުގެ މި ހިނގާ ފަހު އަހަރާ ހަމައަށް އައިއިރު، ފުރިހަމަ މާނައިގައި މިނިވަންކަން ގާއިމްކޮށްދެވިއްޖެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުނު މުނާސަބަތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް ވިދާޅުވީ މިހިނގާ ފަސްއަހަރަކީ، ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރުކަމުގައެވެ. އެގޮތުން، މިފަސް އަހަރަކީ، ސިޔާސީ މިނިވަންކަމާއި، ދާހިލީ އަދި ހާރިޖީ މިނިވަންކަން އެންމެ ފުޅާކޮށް ލިބިދީ ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ރާއްޖޭގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެއާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދުގައި އޮތް ރަހުމަތްތެރި ބަދަހި ގުޅުން ކަމަށާއި، އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ދިރުން ލިބި، ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ، އާއިލީ ތަނަވަސްކަން އިތުރުވެފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ވެސް އެމަނިކުފާނުގެ އެންމެ އިސް އަމާޒަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
”ދިވެހިންގެ މިލޮބުވެތި ފަސްގަނޑުގެ ސިޔާދަތީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބު. ރާއްޖޭގެ ގަދަރާއި ކަރާމާތް ރައްކާތެރިކުރުމުގެ މަތިވެރި ޒިންމާ އަދާކުރުމުގައި، ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ޔަގީންކަން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.“ ރައީސް ވިދާޅުވިއެވެ.
ދިވެހިން އިނގިރޭސިންގެ އަތް ދަށުން ސަލާމަތްވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1965 ވަނަ އަހަރުގައެވެ.
Thiyahaa minivan nama India First vegen emeehunge nufoozaaihedhi ehen baeh qaumuthakaai feah jehen majubooru vefai onnanee keevvebaa.