ޚަބަރު

ކުނި ވަކި ކުރުމަށް ރައްޔިތުން އިތުރު ޚަރަދެއް ކުރުން ބަލައެއް ނުގަނެވޭނެ: ޝުޖާއު

ކުނި ވަކި ކުރުމަށް ރައްޔިތުންގެ އަތުން އިތުރު ޚަރަދެއް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 53 ވަނަ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

1 ޖޫން 2022 ވަނަ ދުވަހުން ފެށިގެން ގޭބީސީތަކުން ކުނި ނެރެންޖެހޭނީ ކުނި ވަކިކޮށްގެން ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުން ނިންމުމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ކުނި ވަކި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ޖީބަށް ބަރު ނުވާ ގޮތަކަށް ކަމުގައެވެ.

ޝުޖާއު ވިދާޅުވީ ކުނި ވަކި ކުރުމަށްޓަކައި ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އެކި ވައްތަރުގެ ކުނި ވަކިވަކި ކޮތަޅުތަކަށް އަޅަން ޖެހުމުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމުގައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ސަރުކާރުން ކޮތަޅުގެ އަގު ބޮޑު ކުރަން ނިންމި ނިންމުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމުގައެވެ. އަދި ކޮތަޅެއްގެ އަގު 2 ރުފިޔާ އަށް ބޮޑު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button