މާލެސިޓީ ކައުންސިލުން ޢީދު ދުވަހު ސަލްޓަން ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

އަޟްޙާ ޢީދުގެ މުނާޞަބަތުގައި މާލެސިޓީ ކައުންސިލުން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ސަލްޓަންޕާކުގައެވެ. ކުޑަކުދިންގެ ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި، މިނޫންވެސް ފަންނުވެރި ކަމާއި ގުޅޭ ޙަރަކާތްތައް އެކުލެވިގެން ދާނެއެވެ.
މާލެސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި ހަވީރަކީ މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ.
މި ހަވީރުގެ މަޤްޞަދަކީ އާރޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއިއެކު މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް ޢާއިލާ އާއިއެކު އަޟްޙާ ޢީދު އުފާވެރި ޢީދެއްގޮތުގައި ފާހަގަކުރުން ކަމުގައި ކައުންސިލުން ބުނެފައިވެއެވެ.
މާދަމާ ބާއްވާ މި ހަވީރުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރި ވަޑައިގަންނަވާނެއެވެ.
Children's Art event by Male' City Council tomorrow at sultan park at 4pm. pic.twitter.com/2Nyu9Pkcyq
— Malé City Council (@MaleCitymv) June 27, 2023
މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން މީގެ ކުރިންވެސް ސަލްޓަން ޕާކުގައި ވަނީ މިފަދަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި އަހަރުގެ އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެގޮތުން މާލެސިޓީ ކައުންސިލުން ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ.
މީގެ އިތުރުން ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން މާލެސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން ވަނީ އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށާފައެވެ.