ޚަބަރު

މާލެސިޓީ ކައުންސިލް ތާރީޚްގެ ތެރެއަށް: ތަކްބީރުގެ އަޑުން މާލެ ގުގުމާލައިފި

ޗައިނާގެ އެހީގައި މާލެސިޓީ ކައުންސިލުން މާލޭ ބޮޑު ތަކުކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުން ތަކުބީރު އިއްވަން ފަށައިފި އެވެ.

ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން އެ ލައިޓްތަކުން ވަނީ އަޑު ހަރުކޮށް ތަކުބީރު އިއްވަން ފަށާފައެވެ.

މާލެސިޓީ ކައުންސިލުން ބުނީ ޢީދު ނިމެންދެން ތަކުބީރުގެ އަޑު އިވެމުންދާނެ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު 16:15 އިން ފެށިގެން 18:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް ތަކުބީރު އަޑު އިވޭނެއެވެ. އަދި އަޟްޙާ ޢީދު ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން 7:25 އަށް އަދި ހެނދުނު 8:15 އިން 11:30 އާއި މެންދުރުފަހު 14:15 އިން 18:00 އަދި ރޭގަނޑު 20:15 އިން 22:00 އަށް ތަކުބީރު އަޑު އިވޭނެއެވެ. އަދި 29 ޖޫން ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އިން 15:00 އަށް އަދި ރޭގަނޑު 20:15 އިން 22:00 އަށް މި ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭގައި ޖަހަން ފަށާފައިވާ ސްމާޓް ސްޓްރީޓް ލައިޓް ތަކުގައި ސްޕީކާ ސިސްޓަމުގެ އިތުރުން ފްރީ ވައިފައި އާއި ޑިޖިޓަލް ލެޑް ސްކްރީނާއި، ސީސީޓީވީ ކެމެރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ފަސޭހަ ވާނެހެން އެންވަޔަރަންމަންޓް ސެންސަރު ހަރު ކޮށްފައިވެއެވެ.

ކައުންސިލުން ދަނީ އެ ބައްތިތައް މެދުވެރިކޮށް އެކިއެކި ދީނީ އަދި ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް އެކި މެސެޖުތައް ދެމުންނެވެ. އެހެން ނަމަވެސް ސްޕީކަރު ސިސްޓަމް މެދުވެރިކޮށް އަޑު ފޮނުވާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން އާންމުން ދަނީ ކައުންސިލާއި މޭޔަރަށް ޝުކުރު ދަންނަވަމުންނެވެ.

މާލެ ސިޓީކައުންސިލުން ވަނީ މިއަހަރުގެ އަޟްޙާ ޢީދަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button