މުސްލިމް މުޖުތަމަޢުގެ ތެރޭގައި ބައިބައިވުންތަކާއި ޚިޔާލުތަފާތުވުންތަކުން ދުރުހެލިވުމަށް ޙައްޖު ޚުޠުބާގައި ގޮވާލައިފަ

އެއްބައިވަންކަން ޤާއިމުކުރުމުގެ ގޮތުން މުސްލިމު މުޖުތަމަޢުގެ ތެރޭގައި ބައިބައިވުންތަކާއި ޚިޔާލުތަފާތުވުންތަކުން ދުރުހެލިވުމަށް މިއަދު ދެއްވި ޙައްޖު ޚުޠުބާގައި ގޮވާލައިފިއެވެ.
ޚުތުބާގައި ވަނީ އެއްބައިވަންތަކާއި ތަޤުވާވެރިވުމާއި މާތް الله އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވުމުގެ މުހިންމުކަން ހަނދާންކޮށްދީފަ އެވެ.
ޝައިހް ޑރ. ޔޫސުފް ބިން މުޙައްމަދު ބިން ސަޢީދު ދެއްވި އެ ޚުޠުބާގައި ވިދާޅުވީ, އިންސާނިއްޔަތަށް އިޙުތިރާމުކޮށް އަގު ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބު ކަމެއް ކަމަށެވެ. އެގޮތުން އެއްބައިވަންކަން ޤާއިމުކުރުމަށްޓަކާ މުސްލިމު މުޖުތަމަޢުގެ ތެރޭގައި ބައިބައިވުންތަކާއި ޚިޔާލުތަފާތުވުންތަކުން ދުރުހެލިވުމުގެ މުހިންމުކަން ފާހަގަކުރައްވާ ޤުރުއާންގެ އާޔަތްތަކާ ހަވާލާދީ ވިދާޅުވީ, ބައިބައިވުން މާތް الله ނަހީކުރައްވާފައިވާ ކަމަށާއި މުޢުމިނުންގެ ހިތްތައް އެއްބައިވަންތަކަމުގައި ދެމިތިބެންޖެހޭނެ ކަމަށެވެ. އެގޮތުން ބައިބައިވުމުގެ ވިސްނުންތަކަށް ނިމުމެއް ގެނެސް, މުޖުތަމަޢުގެ ތެރޭގައާއި އާއިލާގެ ތެރޭގައި އެއްބައިވަންތަކަން ޤާއިމުކުރުމުގެ މަސައްކަތް ކުރުމަށް ޙައްޖު ޚުޠުބާގައި ގޮވާލި އެވެ.
”އެއް ހެދުމެއްގައި އެންމެން އެއްބައިވަންތަވެފައިވާ މި ޙައްޖު ދުވަހު އަޅުގަނޑުމެން އެކަކު އަނެކެއްގެ ނަފުސުގެ ދުޝްމަނުންނަށް ނުވަމާ ހިނގާށެވެ.“ ޙައްޖު ޚުޠުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ތަގުވާވެރިވުމާއި މާތް الله އަށް ބިރުވެތިވުމުގެ މުހިންމުކަން ފާހަގަކުރައްވައި ޚުޠުބާގައި ވަނީ ކާމިޔާބީއަކީ އިސްލާމް ދީން އުނގަންނައިދިން ކަންކަން ތިމާގެ ޢަމަމަލުން ދެއްކުން ކަމަށާއި އެހެންވެ އަމިއްލަ ނަފްސު އިސްލާޙުކުރުމަށް ގޮވާލައިފަ އެވެ.
އޭގެ އިތުރުން އިސްލާމް ދީނުގެ ފަސް ރުކުން ކަމަށްވާ الله މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހު ނުވާ ކަމަށާއި މުޙައްމަދުގެފާނީ اللهގެ ރަސޫލާކަމަށް ހެކިވުމުގެ އިތުރުން ނަމާދު ޤާއިމުކުރުމަށާއި ޒަކާތް ދިނުމަށާއި ރޯދަމަހު ރޯފަ ހިފުމަށް އަދި ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން ޤާބިލު މީހާ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ސަޢޫދި ޢަރަބިއްޔާ އިން މި އަހަރު ރާއްޖެއަށް ދިނީ 1،000 ކޯޓާ އެވެ. އޭގެ ތެރެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ދީފައިވާ ތިން ކުންފުނިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދީފައިވެ އެވެ. ދެންހުރި ކޯޓާތައް ދިނީ ޙައްޖު ކޯޕަރޭޝަނަށެވެ.