ޚަބަރުސިޔާސީ

ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ޖޭޕީމޯގަނުން ބުނުމުންވެސް އަމީރު އެއްބަހެއް ނުވި

ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ގޮސް، ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުކަމުގައި ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ބުނުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެކަމާ ދެކޮޅު ހައްދަވައިފިއެވެ.

ޖޭޕީ މޯގަނުން މިހެން ބުނީ ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ތައްޔާރު ކުރި ރިޕޯޓުގައެވެ.

މިކަމާ ގުޅިގެން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މިނސްޓަރު އަމީރު ވިދާޅުވީ ސުކޫކު ވިއްކައިގެން މިދިޔަ އަހަރު 192 މިލިއަން ޑޮލަރު ދަރަނީގެ ތެރެއިން ދައްކާފައިވާކަމުގައެވެ. އަދި ދަރަނީގެ ތެރެއިން 62 މިލިއަން ޑޮލަރު، އިންޓްރެސްޓާ އެއްކޮށް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ދައްކާނެ ކަމުގައެވެ.

”މީޑިއަމް ޓާމްގައި ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު. އެހެންވީމަ ކުރިއަށް އޮތް މިޑިއަމް ޓާމްގައި ދަރަނި ދެއްކުމުގެ އެއްވެސް ކަހަލަ ރިސްކެއް ނެތް.“ އަމީރު ވިދާޅުވިއެވެ.

އަމީރު މިހެން ވިދާޅުވިޔަސް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ދަރަނީގެ މައްސަލައިގައި ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ރިސޯޓުތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ފަތުރުވެރިކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހީވެސް ނުކުރާ ވަރުގެ ބޮޑު އަސަރެއް ކުރާނެ ކަމުގައި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވިދާޅުވެފައެވެ.

ސަރުކާރަށް އާމްދަނީ މިހާރު ލިބެނީ ވެހިކަލްތަކުގައި ސްޓިކަރ ޖަހައިގެން ޖޫރިމަނާ ފައިސާގެ ގޮތުގައި ހޯދާ އާމްދަނީ އާއި، ރައްޔިތުން ދައްކާ ޓެކްސް އިންނެވެ. އަދި ބަޖެޓް ސަޕޯޓަށާއި ދަރަނީ މެނޭޖު ކުރަނީ ދައުލަތުގެ ހަރު މުދާ ރަހުނު ކޮށްގެނެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، ސްކޫލު ތަކާއި، އޮލިމްޕަސް ހިމެނެއެވެ. ލިބޭނެ ކަމަށް އަންދާޒާ ކުރި ހިލޭ އެހީ ތަކާއި ލޯނު އެހީ ގާތަށްވެސް ލިބިފައިނުވާކަން ފިނޭންސް މިިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button