އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅަށް ގެއްލުން ދިން ކަމަށް ބުނެ ހައްޔަރު ކުރީ ކަމާ ނުގުޅޭ މީހެއް ކަން ހާމަވެއްޖެއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށް 5 ދުވަހުގެ ބަންދު މުއްދަތެއް ޖެހުމަށްފަހު މިއަދު ކޯޓުން ދޫކޮށްލީ މުހައްމަދު އިޔާން އިޖާޒު ނަމަކަށް ކިޔާ ޒުވާނެކެވެ.
އަތޮޅުވެހި ކައިރިން ”ބޮންތި“ އަށް މައުލޫމާތު ދެމުން އިޔާން ބުނީ އޭނާ އަކީ ވިލާ ކޮލެޖުގައި ސައިކޮލޮޖީ ކިޔަވަމުންދާ ދަރިވަރެއް ކަމަށާއި، ދުވަހަކުވެސް ސިޔާސީ އެއްވެސް ކަމެއްގައި މިހާތަނަށް ބައިވެރި ނުވާ ކަމުގައެވެ.
”އަޅުގަނޑަށް ޔަގީން ކަމާއެކު ބުނަން ކެރޭނެ އެތާކު ސީސީޓީވީ ކެމެރާ އަށް އަރާފަ ނީންނާނެ. އެއްވެސް ކަމެއްގަ ބައިވެރިއެއް ނުވަން.“ އިޔާން ވިދާޅުވިއެވެ.
އިޔާން ބުނިގޮތުގައި ރައީސް ޔާމީންގެ ގެކޮޅަށް ގެއްލުން ދިންކަމަށް ބުނެ އޭނާގެ ބޮލުގަ އެވަރުގެ ބޮޑު ތުހުމަތެެއް އެޅުވުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިގެން ދިޔައެވެ. ހާއްސަކޮށް ކޮލެޖަށް ނުދެވުން އޭނާ ފާހަގަކުރިއެވެ.
”ތިބުނާ ފޫޓެއްޖެއް އަޅުގަނޑުވެސް ބެލިން. އޭނާ ނަންބަރު އައިނެއް ނާޅާ. އަޅުގަނޑަކީ އައިނު ނާޅާ ފަސް ފޫޓު ދުރުވެސް ރަނގަޅަށް ފެންނަ މީހެއް ނޫން. އެރޭ ފަތިހު 5:07 އެހާކަންހާއިރު އަޅުގަނޑު ހުރީ ގެއެއްގައި ގޭމް ކުޅެން. އެކަން ދަންނާނެ ކައިރީގަ ތިބި ރަށްޓެހިންވެސް.“ އިޔާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްޗެކޭ ނުބުނެއެވެ. އިޔާން ބުނިގޮތުގައި ފުލުހުން އަސްލު ކަން ކުރި މީހާ ހޯދުމުގެ ބަދަލުގައި އޭނާ ފްރޭމް ކުރީއެވެ.
ސިޔާސީ ކަމެއްގައި ކުރިޔަށް އޮތް ތަނުގައިވެސް ބައިވެރިވުމުގެ ޝައުގެއް ނެތް އިޔާން ބުނީ ކަންތައް ވީގޮތުން އޭނާ ޕީޕީއެމާ ގުޅޭނެ ކަމުގައެވެ. އެކަމަކު ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރުން ފިޔަފައި އަމަލީގޮތުން އެއްވެސް ހަރަކާތެއްގައި ބައިވެރިވުމުގެ ވިސްނުމެއް އަދި ނެތްކަން އޭނާ ފާހަގަކުރިއެވެ.