ކްރިމިނަލްކޯޓުގައި އޮތް ފުއްގިރި މައްސަލަ މަޑުޖައްސާލަން ސުޕްރީމްކޯޓުން އަމުރުކޮށްފި
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދަޢުވާކުރާ މައްސަލައިގެ ޝަރީޢަތް މަޑުޖައްސާލަން ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މި އަމުރުކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައެވެ.
އެ މައްސަލައިގެ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ބައެއް ނިންމުންތައް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފް ކުރައްވާފައިވާތީ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ކްރިމިނަލް ކޯޓުގެ ޝަރީޢަތް ފަސްކުރަން ވަގުތީ އަމުރެއް ނެރެދިނުމަށް ޔާމީން އާއި ރިޒާގެ ފަރާތުން ވެސް އޮތީ އެދިފައެވެ.
ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ.
ރ. ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދަޢުވާތަކުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ ހެކިބަސް ނެގުން މާދަމާ ހެނދުނު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ކުރިންއޮތީ ތާވަލް ކޮށްފައެވެ.
އެހެންނަމަވެސް މިއަދުގެ އަޑުއެހުން ސުޕްރީމް ކޯޓުން ނިންމާލާފައިވަނީ ހޯމަ ދުވަހާއި ހަމަޔަށް ކްރިމިނަލް ކޯޓުގައި އޮތް ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ. އަދި ހެއްކާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލަ އަންނަ ހޯމަ ދުވަހާއި ހަމަޔަށް ބަލާ ނިންމާ ފައިސަލާ ކުރައްވާނެކަމަށް އެ މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ހުސްނުއްސުޢޫދު ވަނީ ވިދާޅުވެފަ އެވެ.