ޚަބަރުސިޔާސީ

ރައީސް ޔާމީނުގެ ވަކީލުންނާއި ބައްދަލު ނުކުރެއްވޭތީ، ބަޔާން ހުށަހަން ދެކޮޅު ހައްދަވައިފި

ރައީސް ޔާމިނުގެ ވަކީލުންނާއި އެކަށީގެންވާ ގޮތެއްގައި ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ނުލިބޭތީ، ރ. ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް އިފްތިތާހީ ބަޔާން ހުށަހަޅަން ރައީސް ޔާމީނު ދެކޮޅު ހައްދަވައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ރައީސް ޔާމީނަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލުނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނުވަނީ އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި ބައްދަލުވުމުގައިވެސް ފާޅުކުރައްވާފައެވެ. އަދި މިއަދަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، އެމަނިކުފާނުގެ ފަރާތުން މައްސަލައިގެ އިފްތިތާހީ ބަޔާން އިއްވުމަށްވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެމަނިކުފާނާއި، އެމަނިކުފާނުގެ ވަކީލުންގެ ޓީމުންވަނީ އެ ބަޔާން ތައްޔާރުކުރުމަށް ހެކި މުތާލިއާކުރަން އެކަށީގެންވާ ވަރަށް ވަކީލުންނާއި އެމަނިކުފާނާއި ބައްދަލުނުކުރެވޭކަމަށް ދަންނަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން ދައުލަތުންވަނީ މިއަދުގެ އަޑުއެހުމުގައި ތާވަލުކުރި އިފްތިތާހީ ބަޔާން، މި އަންގާރަ ދުވަހު ބާއްވާ ހެކިބަސް ނަގަން ފެށުމުގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ރައީސް ޔާމީނަށް ދެއްވުމަށް އެދިފައެވެ.

އެހެންނަމަވެސް މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށްވުމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލްގެ އުސޫލުތައް އޮތް ގޮތުން ރައީސް ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ނުލިބޭނެކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ފާހަގަކުރުމުން، ދައުލަތުން ބުނީ ކަރެކްޝަންސްއާއި ގުޅިގެން އެކަން ކުރެވިދާނެގޮތް ހަމަޖެއްސިދާނެކަމަށެވެ.

މިފަދައިން ޕްރޮސިކިއުޝަނުން ދެންނެވުމުން، މި މައްސަލައިގެ ޝަރީއަތް އޮތީ ބަންދު ދުވަސްތަކުގައިވެސް ކުރިއަށްގެންދާހާ އަވަސްމިނުގައިތޯ ސާފުކޮށްދެއްވުމަށް ޕްރޮސިކިއުޝަނުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި އެހާ އަވަސްނަމަ ޝަރީއަތްތައް ހަފްތާ ބަންދު ދުވަސްތަކުގައި ނުބާއްވާ ސަބަބުވެސް އޮޅުން ފިލުވައިދެއްވުމަށް ރައީސް ޔާމީނު އެދިވަޑައިގަނެއެވެ. މިކަމަށް ޖަވާބުދެއްވަމުން ގާޒީ ވިދާޅުވީ، ޝަރީއަތް ފެށުމަށްފަހު، ޝަރީއތަް މެދުނުކެނޑި ކުރިއަށް ގެންނަން މަސައްކަތްކުރައްވާކަމަށާއި އެއީ ޖިނާއީ އިޖުރާއަތުގައި އޮންނަ ގޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button