ޚަބަރުސިޔާސީ

ކުރީ ޖިނާއީ ކޮން ކުށެއްކަން ބުނެ ނުދެވުމުން މުހައްމަދު އަނެއްކާވެސް ދޫކޮށްލައިފި

ހެކި ނުދެއްކިގެން ދެ ފަހަރެއްގެ މަތިން ހައްޔަރު ކުރުމަށްފަހު ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ކޯޓުން ދޫކޮށްލައިފިއެވެ.

މުހައްމަދު ދެވަނަ ފަހަރަށް ހައްޔަރު ކުރަން ކޯޓު އަމުރު ނެރުނީ ރޭގައެވެ. އަމުރު ހަވާލު ކުރީ ހެންވޭރު އޮކްސިޖަން ކެފޭގައި އޭނާ ކޮފީއެއް ބޯން ހުއްޓައެވެ. އެކަމަކު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މުހައްމަދު ނަގައިގެން އެތަނުން ގެންގޮސްފައެވެ. އެއާއެކު އޭނާ ވަނީ ފުލުހުންގެ ހެޑްކުއާޓަރ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް އަމިއްލައަށް ވަޑައިގެން ފުލުހުންނާ ހަވާލުވެފައެވެ.

މުހައްމަދުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ހައްޔަރަށް ލީ ކޮން ޖިނާއީ ކުށެއްގެ ތުހުމަތުގައިތޯ ބަޔާންކޮށް ނުދެވުމުން ފަނޑިޔާރު ވަނީ މުހައްމަދު ދޫކޮށްލަން އަމުރު ކޮށްފައެވެ.

މުހައްމަދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރާ ބޭފުޅެއްގެ ގޮތުގައެވެ. އެކަމަކު އޭނާ އެކަމަށް އިންކާރު ކުރެއެވެ. މުހައްމަދު ދޫކޮށްލުމާ ގުޅިގެން ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާ ބުނީ ހައްޔަރު ކުރަނީ ”އިންޑިއާ އައުޓް‘ ކެމްޕެއިން ކުރިޔަށް ގެންދާތީ ކަމުގައެވެ.

”އައްދެ ސުބުހާނަﷲ. އެކަމެއް ނުހުއްޓޭނެ. ރައީސް ސޯލިހު ގަރާރެއް ނެރުއްވައިގެން ބޭގަރާރުވެގެން ބަޔަކު އަޔަސް އެވާނީ ޣައިރުގާނޫނީ ގަރާރަކަށް. ދުލުގެ ޓޭޕެއް ނޭޅުވޭނެ. އެއުޅެނީ ބުއްދި ގޯސްވެގެން.“ މުހައްމަދު ވިދާޅުވިއެވެ.

އިންޑިއާ އައުޓު ޝުއޫރު ފާޅު ކުރުމާއި އެ ހަރަކާތް ރާވާ ހިންގުމުގެ ތެރެއިން ތަންތަނަށް ކަރުދާސް އެޅުމުގެ ތުހުމަތުގައި ޕީޕީއެމްގެ ތަކަންދޫ ސްޓިއަރިން ކޮމެޓީގެ މެންބަރު އަލީ ނަސީމް (ތަކަނޭ) ވަނީ ހައްޔަރު ކުރުމަށްފަހު 5 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ތަކަނޭގެ ވަކީލު ބުނިގޮތުގައި އޭނާ ހައްޔަރު ކުރީ ސަރުކާރަށް ގޮތް ހުސްވެ ކަރުދާސް އަޅާ މީހުން ހައްޔަރު ކުރުމުގައި ނުކުޅެދުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button