ޚަބަރު

50 އަހަރުވީ ދިވެހި އިގްތިސާދުގެ ރަން ބިސް އަޅާ ކުކުޅު  

މީލާދީ ސަނަތުން ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރަކީ ދިވެހި ތާރީހުގައި ފާހަގަކޮށްލެވޭ އަހަރެކެވެ.

އެއަހަރު ޖުލައިމަހުގެ 26 ވަނަ ދުވަހު އިނގިރޭސީންގެ ހިމާޔަތުން ބޭރުވެ ދިވެހިރާއްޖޭގައި ފުރިހަމަ މިނިވަންކަމެއް ގާއިމްކުރެވުނެވެ. ހަމަ އެއަހަރު ސެޕްޓެމްބަރު މަހު ރާއްޖެ އަލިފުދާލު (އ.ދ)ގެ މެމްބަރު ގައުމަކަށް ވިއެވެ. އެންމެ ފުރަތަމަ ބައިވެރިވި ޖަމްމިއްޔާ އަކީ ޔޫއެންޑީޕީ އެވެ. އެއަހަރު ޑިސެންބަރު މަހު ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އެހީތެރިކަން ފޯރުކޮށްދެއްވުން އެދި ރައީސް އިބްރާހީމް ނާސިރު ޔޫއެންޑީޕީގައި އެދިވަޑައިގަތެވެ.

ރައީސް ނާސިރުގެ އެދިވަޑައިގަތުމާއިއެކު އދ ގެ ވަފުދެއް ރާއްޖެއަށް އައެވެ. މިދަތުރުގައި ރާއްޖޭގެ ތަރައްގީއަށް އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ކުރެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލައި ދިރާސާކުރިއެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި ކުރިއަރަމުންދިޔަ ފަތުރުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި ކުރެވިދާނެތޯ ބެލިއެވެ. ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމުންނާއި އެކަށޭނަ ވަސީލަތްތައް ނެތުމުން ފަތުރުވެރިކަމަކީ ރާއްޖޭގައި ނުކުރެވޭނެ ކަމެކޭ ބުނެ އެމީހުން ދިޔައީއެވެ.

އެއީ އޭރު ރާއްޖޭގެ ހާލަތު އޮތް ގޮތް ބެލުމަށް ފަހު އަލިފުދާލުގެ ތަޖުރިބާކާރުންނަށް މަންޒަރު ފެނުނު ގޮތެވެ. އެހެނީ އޭރު ރާއްޖޭގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ނެތެވެ. އޮތީ ވަރަށް އާދައިގެ ހާލަތެއްގައި އޮތް ހުޅުލޭ ވައިގެ ބަނދަރެވެ. އޭރު ވިޔަފާރި އާއި އެހެނިހެން ބޭނުންތަކަށް ލޯނު ދޫކުރާނެ ބެންކެއް ރާއްޖެއަކު ނެތެވެ. އޭރު ޖެހެނީ އަމިއްލަ އަތުން ހަރަދު ކޮށްގެން ހަރަދު ބަރަދު ހަމަޖައްސާށެވެ. މުވާސަލާތީ ކަންކަން އޮތީ ޒަމާނަށް ނުފެތި މާ ފަހަތުގައެވެ. މުވާސަލާތު ކުރަން ޖެހެނީ ސިޓީ ފޮނުވައިގެންނާއި ރޯޑިއޯ މެދުވެރިކޮށްގެންނެވެ. ދަތުރުފަތުރުގެ ނިޒާމް ބިނާވެފައި އޮތީ ކަނޑުގައި ދުއްވާ މަދު އަދަދެއްގެ ކުދި އުޅަނދުފަހަރުގެ މައްޗަށެވެ. ފަތުރުވެރިންގެ ކެއުން ބުއިން ހަމަޖެއްސޭނެ ގޮތެއް ނެތެވެ. ފުރަތަމަ އައި ފަތުރުވެރިންނަށް ކާންދޭންވީ ކޯއްޗެއް ކަމެއް ވެސް ނޭގުނެވެ.

ކޮންމެއަކަސް އޭގެ މަދު އަހަރުތަކެއް ފަހުން ރާއްޖެއަށް މިޒަމާނުގެ ގޮތަށް އެންމެ ފުރަތަމަ އައި ފަތުރުވެރިއެއްގެ ގޮތުގައި ބަލަނީ އިޓަލީވިލާތުގެ ޓްރެވަލް އެޖެންޓެއް ކަމުގައިވާ ޖޯޖް ކޯބިންއެވެ. ކޯބިންގެ ފުރަތަމަ ދަތުރުގައި ރާއްޖެއަށް އައީ 1971 ވަނަ އަހަރު ރާއްޖެއަށް މުދާ އެތެރެކުރުމުގައި ހަރަކާތްތެރިވި ކާގޯ ބޯޓު ‘މޯލްޑިވްސް އެކްސްޕޯޓަރ’ ގައެވެ.

މޫދާއި ޑައިވިން ކުރުމަށް ލޯބި ޖެހިފައިވާ ކޯބިންއަށް ރާއްޖެ ތައާރަފްކޮށްދީ ރާއްޖެއަށް އައުމުގައި އެހީތެރިވެދިނީ އޭރު ލަންކާގައި ހުރި ރާއްޖޭގެ އެމްބަސީގެ ވަޒީފާގައި އުޅުއްވި އަހްމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.

މުހައްމަދު އުމަރު މަނިކު (ކޮލި އުމަރު މަނިކު) އަދި ހުސައިން އަފީފް (ޗަމްޕާ އަފީފު) އާއި ކޯބިން ބައްދަލުވީ މިދަތުރުގައެވެ. މިބޭފުޅުންނަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށް އެދާއިރާ ކުރިއަރުވައި ނަގަހައްޓަވައިދެއްވި ބޭފުޅުންނެވެ. ފަތުރުވެރިކަމުގެ ބާނީން ނަގާ ނަމަ މިބޭފުޅުންގެ އިތުރުން ސަލީމާ ކަލޭފާނާއި އޭރުގެ ރައީސް އިބްރާހިމް ނާސިރު ވެސް ހިމަނަން ޖެހެއެވެ.

ރާއްޖެއަށް އާދެވުމާއިއެކު މިއީ އޭގެ ދެވަނަ އެއް ނެތް ފަދަ ރީތި ތަފާތު އަދި ހިތްގައިމު ކަމެއް ލިބިގެންވާ ގައުމެއްކަން ކޯބިން އަށް އެގުނެވެ. އެހެންކަމުން އެނބުރި އިޓަލީވިލާތަށް ދިޔުމަށްފަހު ކޯބިން އިސްވެ ހުރެ ކެރަފާ ނާސީމާއި ކޮލި އުމަރު މަނިކާއި އަދި ޗަމްޕާ އަފީފު ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕެއް 1972ވަނަ އަހަރު ފެބްރުއަރީ މަހު 16ވަނަ ދުވަހު ގެނައެވެ. އިޓަލީވިލާތުގެގެ ނޫސްވެރިންނާއި ފޮޓޯނަގާ 22 މީހުންގެ މައްޗަށް އެކުލެވޭ މިގުރޫޕް ރާއްޖެ އައީ އެއަރ ސިލޯނުގެ ފްލައިޓެއް ޗާޓަރުކޮށްގެނެވެ.

އޭރު ރާއްޖެ އޮތީ ފަތުރުވެރިކަމުގެ އެންމެ ފުރަތަމަ މަރުހަލާގައެވެ. ފަތުރުވެރިންނަށް ހާއްސަ ރިސޯޓެއް އޭރު އަދި ނެތެވެ. އެމީހުންނަށް މެހެމާންދާރީ އާއި ހިދުމަތްތައް ކޮށްދެވޭނެ ގޮތަކާއި ވަސީލަތެއް ނެތެވެ. އެމީހުންނަށް ކާންދޭން އެމީހުންގެ ކެއުމެއް ނެތެވެ. ނަމަވެސް އޭރުވެސް މިހާރުވެސް ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރިކުރުވަނީ މިޖަޒީރާ ގައުމުގެ ރީތިކަމާއި ހަމަހިމޭން މާހައުލެވެ.

އަލިފުދާލުގެ މީހުން ރާއްޖޭގައި ފަތުރުވެރިކަން ނުކުރެވޭނެ ސަބަބު ކަމަށް ބުނި ރާއްޖޭގެ ވަކިވަކި ރަށްތައް ވެގެންދިޔައީ ދުނިޔެއަށް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ވިއްކަން ލިބުނު ޖަވާހިރުތަކަށެވެ. މާލޭގެ ގެތަކަށް ފައިބާތިބި ކަމުގައިވިޔަސް އެމީހުން ވަނީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް މަޝްހޫރުވެގެންދިޔަ ދިވެހިރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް މަސް ބޭނުމާއި ފީނުމާއި މަޑަޖަހައިގެން މަސް ހިފުން އަދި ކަނޑުއަޑީގެ ފޮޓޯނެގުމުގައި 12 ދުވަސް ހޭދަކޮށްފައެވެ.

ކޮންމެއަކަސް ރާއްޖެއަށް އައި ފުރަތަމަ މިގްރޫޕް އެނބުރިދިޔައީ ނުހަނު އުފަލާއި ހިތްހަމަޖެހުމާއިއެކުއެވެ. އެމީހުން ރާއްޖޭގައި ހޭދަކުރި ތަފާތު އަދި ހިތްގައިމު ޗުއްޓީގެ ވާހަކަތަކާއި ފޮޓޯތައް ނޫހުގައި ޖަހަން ފެށުމުން ގިނަ ބަޔަކު ރާއްޖެ އަންނަން ޝައުގުވެރިވެގެން ދިޔައެވެ. އެހެންކަމުން ފަތުރުވެރިން އިތުރަށް ގެނައުމަށްޓަކައި ކޯބިންގެ ލަފަޔާއި މަދަދާއިއެކު 1972ވަނަ އަހަރު މުހައްމަދު އުމަރު މަނިކާއި ކެރަފާ އަހުމަދު ނަސީމު އެކުވެގެން ރާއްޖޭގެ ފުރަތަމަ ޓްރެވަލް އެޖެންސީ (މޫމަން އެޖެންސީ) ވުޖޫދަށް ގެނައެވެ.

މުހައްމަދު އުމަރު މަނިކާއި އަހުމަދު ނަސީމާއި އަދި ޗަމްޕާ އަފީފު އެކުވެގެން ފަތުރުވެރިކަމަށް ހާއްސަ ރިސޯޓެއް ވަކިން ރަށެއްގައި ހެދުމުގެ މަސައްކަތް ފެށިއެވެ. މިމަސައްކަތުގައި ސަލީމާގެ ބައިވެރިވުން ވެސް ނުހަނު ބޮޑެވެ.

ރިސޯޓު ހެދީ އޭރުގެ ވަޒީރުލް ދާހިލިއްޔާ ކަރަންކާ އިބްރާހިމް ރަޝީދު އޭރު ވަރުވާ އަށް ލިޔުއްވައިގެން ނަގާފައިވާ ވިހަމަނާފުށި ކުއްޔަށް ނަގައިގެންނެވެ. ”ކުރުނބާ ވިލެޖް“ގެ ނަމުގައި 1972 ވަނަ އަހަރު އޮކްޓޫބަރު މަހު 3ވަނަ ދުވަހު ރާއްޖެގައި އެންމެ ފުރަތަމަ ހުޅުވުނު 30 ކޮޓަރީގެ މިރިސޯޓަކީ ފަތުރުވެރިކަމުގައި އާދަޔާ ހިލާފު އަދި އޭގެ ދެވަނަ އެއް ނެތް ‘އެއް ރަށެއްގައި އޮންނަ ރިސޯޓުގެ’ ކާމިޔާބު ފެށުމެވެ. އެއީ ދިވެހި އިގްތިސާދުގެ ރަން ބިސް އަޅާ ކުކުޅު އެޅި ފުރަތަމަ ރަން ބިހެވެ. ހަމަ އެއަހަރު ޑިސެންބަރ މަހު 10ވަނަ ދުވަހު ރައީސް ނާސިރުގެ ކްރެސެންޓް ޓޫރިސްޓް އެޖެންސީ އިން ބަޑޮސް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް 110 ކޮޓަރި އާއި އެކު ހުޅުވިއެވެ. މި ދެ ރިސޯޓު ހުޅުވައިގެން ފުލްކޮށް ގޮސް އަހަރު ނިމުނު އިރު ރާއްޖެއަށް 1097 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.

މިހާ ހިސާބުން ރާއްޖޭގައިވެސް ފަތުރުވެރިކަން ކާމިޔާބު ކަމާއިއެކު ކުރެވިދާނެކަން ޔަގީންވެގެން ދިޔައެވެ. އެހެންކަމާއި އެކު ރައީސް ނާސިރުގެ ޒައާމަތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއްދީގެން މަސައްކަތްތަކެއް ފެށިއެވެ. ހުދު ރައީސް ނާސިރުވެސް ހިއްސާވެގެން 1972ވަނަ އަހަރު އުފައްދާފައިވާ ކްރެސެންޓް ޓޫރިސްޓް ދަށުން 1973ވަނަ އަހަރު ރާއްޖޭގައި 600 އެނދުގެ މައްޗަށް އެކުލެވޭ ވަރަށް ރިސޯޓުތައް ހަދަންފެށިއެވެ. އޭގެ ތެރޭގައި ހިމެނެނީ ފުރަނަފުށި، ފަރުކޮޅުފުށި، ވިލިގިލި އަދި ބަރޮސްއެވެ. 1974ވަނަ އަހަރު މިކުންފުނިން ވެލައްސަރު ނިންމައި ހުޅުވިއެވެ. އަދި ހަމަ އެއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭރުގެ ކުންފުންޏެއް ވަނެވެ. އެއީ ކްރެސެންޓް ޓޫރިސްޓް އެޖެންސީ އަތުން ފަރުކޮޅުފުށި ކުއްޔަށް ނަގައިގެން ހިންގި ކްލަބް ނޭޗަރ އެވެ. މިއީ ރާއްޖޭގައި ރިސޯޓެއް ހިންގި ބޭރުގެ ފުރަތަމަ ކުންފުންޏެވެ. ރައީސް ނާސިރުގެ ވެރިކަން ނިމި ކުރިމަތިވި ސިޔާސީ ހުޅުގަނޑުގައި ކްރެސެންޓް ޓޫރިސްޓް އެޖެންސީ އަނދައި އަޅިޔަށްވުމުގެ ކުރިން އެކުންފުނިންވަނީ 6 ރިސޯޓެއް ތަރައްގީކޮށް އެކި ފަރާތްތަކަށް ކުއްޔަށް ދީފައެވެ.

ރައީސް ނާސިރަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދު؛ލްގައްޔޫމ،ް ވެރިކަމާއި ހަވާލުވުވެޑައިގަތުމަށްފަހު އެންމެ އިސްކަން ދެއްވި ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން ކުރިއެރުވުން ހިމެނެއެވެ. ފަތުރުވެރިކަމަށް ހާއްސަ ވުޒާރާއެއް މި ޒައާމަތުގައި އުފައްދަވައި ފަތުވެރިކަން ކުރުމަށް އާރަށްތައް ދޫކުރުމުގެ އިތުރުން ދިވެހިރާއްޖެ ބޭރު ދުނިޔެއަށް އިސްތިހާރު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

އެންމެ ފުރަތަމަ ރެއަކަށް 22 ޑޮލަރުން ވިއްކަން ފެށި ދިވެހިރާއްޖޭގެ ފަތުރުވެރިކަން މިއަދު މިވަނީ މަލްޓިމިލިއަން ޑޮލަރުގެ ސިނާއަތަކަށް ބަދަލުވެފައެވެ. ކަނޑު އަޑީގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށްފަހު މިއަދު ދިވެހިރާއްޖެ މިވަނީ މާމުއިހަނދުގެ ދުވަސްތަކާއި ސާފު ހުދު ދޮންވެލިގަނޑުމަތީގައި އިރުގެ ހޫނުކަމުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ކޮންމެ މީހެއްގެ ހުވަފެނީ މަންޒިލަށް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button