ޚަބަރުސިޔާސީ

އިންޑިއާ ސަފީރުގެ ގޭގެ ފާރުގައި ”އިންޑިއާ އެމްބެސެޑަރ އައުޓު“ ޖަހަން ހުރި މީހަކު ހައްޔަރު ކޮށްފި

އިންޑިއާ ސަފީރު މުނޫ މަހާވަރުގެ ގޭގެ ފާރުގައި ”އިންޑިއާ އެމްބެސެޑަރ އައުޓު“ ޖަހަން ހުރި މީހަކު ދާދި ދެންމެއަކު ފުލުހުން ހައްޔަރު ކޮށްފި ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް, ހުޅުމާލެ އަމީން އެވެނިއު, ކައިރިން މަންޒަރު ދުށްމީހަކު ބުނީ ”އިންޑިއާ އެމްބެސެޑަރ އައުޓު“ ސްޕެރޭ ކުރަން ހުރި ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމުގައެވެ.

މިކަމާ ގުޅިގެން ”ބޮންތި“ އިން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގުޅާލުމުން ބުނީ އެ މައުލޫމާތު ފުލުހުންގެ މީޑިއާއިން ހޯދުމަށެވެ. ވަކި ޖަވާބެއް ނުދިން ނަމަވެސް ހުޅުމާލެ ޕޮލިސް ސްޓޭޝަނުން އެކަން ދޮގެއް ނުކުރެއެވެ. ފުލުހުންގެ މީޑިއާއަށް ”ބޮންތި“ އިން ގުޅުމުން ފޯނު ނުނަގާތީ ފުލުހުންގެ ވަޓްސްއެޕް ގްރޫޕުގައި ސުވާލު ކުރުމުންވެސް ޖަވާބެއް އަދި ދީފައެއް ނުވެއެވެ.

”އިންޑިއާ އައުޓް“ ލިޔެ ޝުއޫރު ފާޅު ކުރުން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރު ނެރުއްވި އިރު, އިންޑިއާ ސަފީރު ބޭރު ކުރުމަށް ޝުއޫރު ލިޔަމުންދިޔަ މީހަކު ހައްޔަރު ކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button