”އިންޑިއާ އައުޓު“ ކަރުދާސްތައް އެޅި 4 މީހަކު ދެނެގަނެ ތަހުގީގު ކުރަނީ
”އިންޑިއާ އައުޓު“ ކަރުދާސްތައް އެޅި 4 މީހަކު ދެނެގަނެ، އެ މައްސަލަ ތަހުގީގު ކުރަމުންދާކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ”އިންޑިއާ އައުޓް“ ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމުގައެވެ.
އެގޮތުން 4 މީހަކު ދެނެގަނެވި، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށާއި، އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި “އިންޑިއާ އައުޓު” ކަރުދާސްތައް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އާއި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީގެ ގޭ ދޮރުމައްޗަށް ވަނީ އަޅާފައެވެ.
ހުޅުމާލޭގައި ހުންނަ އިންޑިއާ ސަފީރު މުނު މަހާވަރުގެ ގެ ކުރިމައްޗަށް “އިންޑިއާ އައުޓު” ކަރުދާސްތައް މިމަހުގެ 10 ވަނަ ދުވަހުގައި ވަނީ އަޅައިފައެވެ. އަދި މިމަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި މަޖީދީމަގުގައި ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތަކާ އަދި އިންޓަނެޓް ކޭބަލް ފޮށިތަކުގައި “އިންޑިއާ އައުޓު” ކަރުދާސްތަކެއްވެސް ތަތްކުރިއެވެ.
އިންޑިއާ އައުޓު” ލިޔެގެން ޝުއޫރު ފާޅު ނުކުރެވޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ގަރާރު ނެރުއްވިފަހުން ސްޕެލިން ބަދަލުކޮށްގެންވެސް ގެތަކުގައި ބެނާ ދަމާފައިވެއެވެ. އަދި “އިންޑިއާ އައުޓު” ކަރުދާސްތައް އިންޑިއާ އެމްބަސީ އާއި ރައީސް އޮފީސް ދޮރުމައްޗަށާއި މާލޭގެ އެކި ސަރަހައްދަށް ޖުމްލަ 5 ފަހަރު އަޅާފައިވެއެވެ.