
ހުޅުމާލޭގައި ހުންނަ އިންޑިއާ ސަފީރު މުނު މަހާވަރުގެ ގެ ކުރިމައްޗަށް ”އިންޑިއާ އައުޓު“ ކަރުދާސްތައް އަޅައިފިއެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސަފީރުގެ ގެ ކުރިމައްޗަށް އެޅި މި ކަރުދާސްތައް އަޅާފައިވަނީ ޒުވާނުންތަކެއް ކަމަށް ”ބޮންތި“ އަށް ފޮޓޯ އާއި މައުލޫމާތު ފޮނުވި މީހާ ކިޔައިދިނެވެ.
ރޭގެ ވަގުތެއްގައި މަޖީދީމަގުގައި ސްޓެލްކޯއިން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތަކާ އަދި އިންޓަނެޓް ކޭބަލް ފޮށިތަކުގައި “އިންޑިއާ އައުޓު” ކަރުދާސްތަކެއްވެސް ވަނީ ތަތްކޮށްފައެވެ.
“އިންޑިއާ އައުޓު” ލިޔެގެން ޝުއޫރު ފާޅު ނުކުރެވޭނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ގަރާރު ނެރުއްވިފަހުން ސްޕެލިން ބަދަލުކޮށްގެންވެސް ގެތަކުގައި ބެނާ ދަމާފައިވެއެވެ. އަދި “އިންޑިއާ އައުޓު” ކަރުދާސްތައް އިންޑިއާ އެމްބަސީ އާއި ރައީސް އޮފީސް ދޮރުމައްޗަށާއި މާލޭގެ އެކި ސަރަހައްދަށް ޖުމްލަ 3 ފަހަރު އަޅާފައިވެއެވެ.