ޚަބަރު

އިންޑިއާ އައުޓަށް ތާއީދު ކޮށްގެން ސަސްޕެންޑު ކުރި އަރަބިއްޔާގެ ޓީޗަރުގެ ހައްގުގައި ބެލެނިވެރިން ތެދުވެއްޖެ

އިންޑިއާ އައުޓަށް ތާއީދު ކޮށްގެން ސަސްޕެންޑު ކުރި އަރަބިއްޔާގެ ޓީޗަރުގެ ހައްގުގައި ބެލެނިވެރިން ތެދުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގެމުންދާ އިންޑިއާ އައުޓް ކެންޕޭން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ޤަރާރާ މެދު، ޤާނޫނުއަސާސީއިން ކަށަވަރު ކޮށްދީފައިވާ އިމުގެ ތެރެއިން، ޢަރަބިއްޔާ ސްކޫލުގެ ޙަދީޘް އުސްތާޛު އައްޝައިޚް ޒަމްޒަމް ފާރިޝް ފާޅުކުރެއްވި ޚިޔާލުފުޅަކާ ގުޅިގެން 30 ދުވަހަށް މުސާރަ ނުހިނގާ ގޮތަށް ވަޒީފާއަށް ނާދެވޭހެން ސަސްޕެންޑު ކުރުމަކީ ބެލެނިވެރިން ހަރުއަޑުން ކުށްވެރިކުރާ ކަމެއް ކަމުގައެވެ.

އުސްތާޛު ޒަމްޒަމް އަކީ ޢަރަބި އިސްލާމީ ތަޢުލީމު ފޮހެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތެރެއިން ހިންގޭ ނުބައިވެގެންވާ ޖަރީމާތަކުން މަދަރުސާ ސަލާމަތް ކުރުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ފަރާތް ކަމާއި، އެ މަސައްކަތުގައި ދާންޖެހޭ ހުރިހާ ތަނަކަށް ގޮސް ޢަރަބިއްޔާގެ ޙައްޤުގައި ވަކާލާތު ކޮށްދެއްވައި، ސޯޝަލް މީޑިއާގައި އެންމެ ބުރަކޮށް ރެއާ ދުވާލު އަޑު އުފުލެއްވި އެއް ފަރާތް ކަމަށް ބެލެނިވެރިން ބުންޏެވެ.

ޒަމްޒަމް އަށް އެޑިއުކޭޝަނުން މިއެޅި ފިޔަވަޅަކީ، ހަމަސީދާ އަރަބިއްޔާ އިތުރަށް ނިކަމެތި ކުރަން މިނިސްޓްރީގެ ތެރެއިން ކުރާ އަޑިނުބައި މަސައްކަތުގެ ސިލްސިލާ ބޮޅެއް ކަމުގައި ބެލެނިވެރިން ދެކެއެވެ. އަދި ޒަމްޒަމް އާ މެދު އަޅާފައިވާ ފިޔަވަޅު މިހާރުން މިހާރަށް އުވާލުމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީއަށް ބެލެނިވެރިން ގޮވާލާފައިވެއެވެ. 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button