ޚަބަރުސިޔާސީ

ހިންދުސްތާންގެ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމަށް ބުނެ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި!

ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނީ ”ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި“ ކަމަށެވެ.

ފުލުހުން އައްބާސް އާދިލް ރިޒާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި އަމާންކަމާއި ސުލްހަ ގެއްލޭ ގޮތަށް ތަކުރާރުކޮށް ހިޔާލުފާޅުކުރިކަން ހިމެނެއެވެ.

އައްބާސް އާދިލް ރިޒާ ހައްޔަރު ކުރީ އޭނާގެ ނަމުގައި ހިންގާ ޓުވީޓާ އެކައުންޓަކުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށްފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިނގާދިޔަ ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ތުހުމަތު ކުރައްވާ އެކަމުގެ ބަދަލު ހިފުމަށް ގޮވައިލައިފައިވާ ކަމަށް ވިދާޅުވުމުންނެވެ.

މިކަމާއި ގުޅިގެން އެ އެބްމަސީގެ ސެކުރިޓީ ވަރުގަދަ ކޮށްފައިވާކަން މިހާރުގެ އެމްޑީޕީގެ ސަރުކާރުގައި ހިމެނޭ ޕާޓީ ތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށާއި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ގޮވައިލައި އެފަދަ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވެއެވެ.

މިހާރުގެ އެމްޑީޕީގެ ސަރުކާރުން އިންޑިއާއަށް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ ބަސް ބުނުމަށް ފުރުސަތު ދޭތީވެ ގިނަ ރައްޔިތުންގެ ފާޑުކިޔުންތަކެއް އަމާޒުވަމުންދެއެވެ. އަދި މާލޭގެ ގިނަ ފާރުތަކެއްގައިވެސް އަދި ރާއްޖެ އެތެރޭގެ ގިނަ ރައްތަކެއްގައިވެސް “ އިންޑިއާ އައުޓް“ މި ސްލޯގަންވަނީ ޖަހާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button