ޚަބަރު

ރައިސް ޔާމީނަށް 11 އަހަރުގެ ޖަލުހުކުމެއް އިއްވި ގާޒީ ޝަކީލް އިންޑިއާއިން ހާއްސަ ކޯހެއް ފުރިހަމަކުރައްވައިފި

ކުރީގެ ރައީސް އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު، ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ގާޒީ އަހްމަދު ޝަކީލް، އިންޑިއާއިން ހިންގި ހާއްސަ ކޯހެއް ފުރިހަމަކުރައްވައިފިއެވެ.

މިފަހަކަށް އައިސް އިންޑިއާގެ އެކި އެކި ތަމްރީނުތަކުގައި ބައިވެރިކުރުމަށް ރާއްޖޭގެ މުއައްސަސާތަކުންނާއި، ކޯޓުތަކުން ބޭފުޅުން އިންޑިއާއަށް ފޮނުވަން ފަށާފައިވެއެވެ. އެގޮތުން މި މަހުގެ ކުރީކޮޅުވެސް އިންޑިއާއަށް ރާއްޖޭގެ ކޯޓުތަކުން އެތައް ފަނޑިޔާރުން ފޮނުވާފައިވާއިރު އިންޑިއާގެ ޖުޑީޝިއަރީއަކީ ފެށުނީއްސުރެވެސް ރިޝްވަތުގެ މައްސަލަ ބޮޑު އަދި ބޯދާ ގޮތްތައް ގެންގުޅޭ ޖުޑިޝިއަރީއެކެވެ.

މިއީ ރާއްޖެއަށް އިންޑިއާގެ ނުފޫޒު ފޯރުވާކަމުގެ ހެއްކެއް ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. އަދި ހަމައެއާއެކު، އިންޑިއާގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ ތެރޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ގާއިމުވެތިބޭއިރު އެމީހުންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުތަކުގެ ތަފްސީލް ހާމަނުކުރި މައްސަލައަށާއި، ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ނެރުނު ރިޔާސީ ގަރާރު ބާތިލުކުރަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އިންޑިއާގެ އެމްބަސީއިން ނުފޫޒު ފޯރުވާކަމަށްވެސް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

މިފަދައިން ކަންތައް ވަމުންދާއިރު، އެ މައްސަލަތަކުގެ ބެންޗުތަކުގައި ތިއްބަވާ ގާޒީން އިންޑިއާ އެމްބަސީ މެދުވެރިކޮށް އިންޑިއާއަށް ތަމްރީނުތަކުގައި ފޮނުވާތީ، އެކަމުގެ ސަބަބުންވެސް އެ މައްސަލަތަކަށް އިންޑިއާގެ ނުފޫޒު ފޯރާކަމަށް މީހުން ބުނެއެވެ.

އިންޑިއާގެ ކޯޓުތަކުގެ އެތައް މިލިއަން މައްސަލަތައް ހިނގަމުންދާއިރު، ނުނިމި ދިގުލައިގެންގޮސްފައިވާ މައްސަލަތައް އިންތިހާއަށް ގިނައެވެ. އަދި އެ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަކީ މިހާރު އޭގެ ހަސްމުން މަރުވެފައިވެސްވެއެވެ. އިންޑިއާގެ ކޯޓުތަކުގައި 70 އަހަރުވީ ދެ މައްސަލައަކާއި 30 އަހަރަށްވުރެ ގިނަ ދުވަސްވީ 1 ލައްކައަށްވުރެ ގިނަ މައްސަލަ ހިމެނެއެވެ. އަދި މިފަހުންވަނީ 72 އަހަރުވީ މައްސަލައެއް ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button