ޚަބަރުސިޔާސީ

ރައީސް ޔާމިނުގެ ޝަރީއަތް ހިނގަމުންދާ ގޮތުން ރާއްޖޭގެ ޝަރުއީ ނިޒާމުގައި ވަނީ ލައްގަނޑެއް ޖެހިފަ: ޖަމީލް

ކުރީގެ ރައީސް، އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް ރާއްޖޭގެ ޝަރުއީ ނިޒާމުތަކުގައި ހިންގާގޮތަކުން، މުޅި ޝަރުއީ ނިޒާމުގައި ބޮޑު ލައްގަނޑެއް ޖެހިފައިވާކަމަށް، ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން އިއްޔެ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ޑރ. ޖަމީލްވަނީ ރައީސް ޔާމީނުގެ ޝަރީއަތްތައް ހިންގައިދޭ ގާޟީންނަށް ލިބޭ ޕްރޮމޯޝަންތަކުގެ ވާހަކަ ދައްކަވާފައެވެ. އަދި އެފަދައިން ޝަރީޢަތްތައް ކުރިއަށް ގެންދާ ގޮތުން ރާއްޖޭގެ މުޅި ޝަރުއީ ނިޒާމުގައި ބޮޑު ލައްގަނޑެއްޖެހިފައިވާކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުވާކުރި ގއ. ވޮޑަމުއްލާ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ހުކުމްކުރެއްވީ ކްރިމިނަލް ކޯޓުގެ އެއިރުގެ ޤާޟީކަން ކުރެއްވި ޤާޟީ އަލީ ރަޝީދެވެ. އެ ހުކުމް ކުރެއްވި ފަހުން، ގާޟީ އަލީ ރަޝީދުވަނީ ސުޕްރީމްކޯޓަށް ބަދަލުކޮށްފައެވެ. އަދި މިފަހުން ރައީސް ޔާމީނުގެ މައްޗަށް ދައުވާކުރި އާރަށު މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ހުކުމް އިއްވި، ކްރިމިނަލް ކޯޓުގެ ގާޟީ ޝަކީލްވެސް ވަނީ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައެވެ.

މިކަމާ ގުޅިގެން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޑރ. ޖަމީލް ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއިންނާއި ފަނޑިޔާރުންގެ ގާނޫނުންނާއި އަދި ޖޭއެސްސީގެ ގާނޫނުން ފަނޑިޔާރުކަމަސް މީހުން އައްޔަންކުރާނެ ގޮތްތައް ބަޔާންކޮށްފައިވާކަމަށާއި، ވަކީލެއްގެ ހައިސިއްޔަތުން އެކަމާމެދު ދައްކަވާނެ މާ ބޮޑު ވާހަކައެއްނެތް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލުގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވީ އާރަށު މައްސަލާގައި ރީޒަނަބަލް މޭންގެ ޓެސްޓު ބޭނުންކޮށްފައިވާ ކަމަށާއި، އެއީ މަދަނީ ގާނޫނުގެ މިންގަނޑަކަށްވާއިރު، އެ ޓެސްޓު ބޭނުންކޮށްފައިނީ ޖިނާއީ ގާނޫނުގައި ކުށް ސާބިތުކުރުމަށް އޮންނަ ބުރަދަން ބޮޑު މިންގަނޑު ފަހަނައަޅައި ދިއުމަށްކަމަށެވެ.

”ސަބަބުވެރި ވިސްނުމަކުން ވިސްނާނަމަ، މިހާރުގެ ސަރުކާރު އުފެދުމާއެކު، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ރައީސް ޔާމީނުގެ މައްސަލަތައް ބައްލަވާ ޤާޟީންނަށް ލިބޭ ޕްރޮމޯޝަނާއި، އެ ޕްރޮމޯޝަން ދަތުރުކުރާ މިސްރާބަށް ބަލާއިރު ވަރަށް ބައިވަރު އިއްތިފާޤުތައް އެބަހުރޭ. އެހެންނަމަވެސް ފަނޑިޔާރުން އައްޔަންކުރުމާގުޅޭ ގޮތުން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާލާއިރު، ރައީސް ޔާމީނުގެ މައްސަލައާއި ފަނޑިޔާރުންނަށް ވަޒީފާގެ ކުރިއެރުން ލިބޭ ލިބުމާއި ގުޅިފައިވަނީ މާ ބޮޑު އިއްތިފާގަކުން.“ ޑރ. ޖަމީލް ވިދާޅުވިއެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވަނީ، 25 ޑިސެންބަރު 2022 ވަނަ ދުވަހު އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފު ސިޔާސީ ނުފޫޒުތަކެއް ނުފޯރައި، ހިންގަންވާ ގޮތަށް ކުރިއަށް ގޮސްފިނަމަ، އަންނަ މާޗްގައި އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނެތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން، ޑރ. ޖަމީލް ވިދާޅުވީ އިސްތިއުނާފުގެ މަރުހަލާއާއި ދަށު ކޯޓު މަރުހަލާތަކަކީ މުޅިން ތަފާތުކޮށް ކުރިއަށްދާ މަރުހަލާތަކެއްކަމަށެވެ. އަދި އިސްތިއުނާދު މަރުހަލާގައި ކޯޓުގައި ހުށަހަޅާ ހުށަހެޅުންތައް ވީހާވެސް އަވަށްކޮށް ކުރުކޮށް ގެންދަން ފަނޑިޔާރުންވެސް އެދިވަޑައިގަންނަވާނެކަމަށާއި، އެހެންކަމުން އިސްތިއުނާފު މަރުހަލާ ވަރަށް ހަލުއިކޮށް ނިމިގެންދާނެކަމަށެވެ.

”އިސްތިއުނާފު މަރުހަލާއަކީ ޓްރަޔަލް ކޯޓުގެ މަރުހަލާއާ ތަފާތު މަރުހަލާއެއް. ޓްރަޔަލް ކޯޓުގައި މި ވަގުތު ނަގަނީ ދެއްތޯ؟ ހެކިންގެ ހެކިބަސް ނަގައި ހެކިންނާ ސުވާލުކޮށް މިކަންކަން ހިނގާނީ ޓްރަޔަލް ކޯޓެއްގައި. އިސްތިއުނާފު ކޯޓެއްގައި މަސައްކަތް ހިނގާނީ ޑެސްކެއްގައި އެހެންވީމާ އަވަސްވާނެ…….. އެހެންވީމާ އަޅުގަނޑުމެން އުންމީދުކުރަން ވަރަށް ތެދަށް ދަންނަވާނަމަ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް،“ ޑރ.ޖަމީލު ވިދާޅުވިއެވެ.

އިސްތިއުނާފީ މަރުހަލާ ކާމިޔާބު ކުރެއްވޭނެތޯ ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޑރ. ޖަމީލް ވިދާޅުވީ، އާރަށު މައްސަލައިގައި ގިނަ ގޯސްތަކެއް ފާހަގަވާކަމަށާއި، ދައުވާ ސާބިތުކުރުން އެއީ ޕްރޮސިކިއުޝަންގެ ޒިންމާއަކަށް ވާއިރު މައްސަލަ ބެއްލެވި ފަނޑިޔާރު އޮތީ މައުސޫމުކަން ސާބޮތުކޮށްދިނުން ދިފާއަށް މަތިކޮށްފައިކަމަށެވެ.

”މި މައްސަލާގައި [ހުކުމްކޮށްފައިވަނީ] ޤާނޫނީ ހުރިހާ ޤަވާއިދުތަކާ ޚިލާފަށް ގޯސްކޮށް. ސުޕްރީމް ކޯޓުން އަޅުގަނޑުމެން ކާމިޔާބުކުރި ވޮޑަމުއްލާ މައްސަލައާ އެއްގޮތަށް ފަނޑިޔާރުގެ ވަރަށް ގިނަ އުފެއްދުންތައް އެބަހުރި،“ ޑރ.ޖަމީލު ވިދާޅުވިއެވެ.

މީގެ އިތުރުން، ޖިނާއީ މައްސަލަތަކުގައި ކޮންމެ މީހަކީ މައުސޫމު މީހެއްކަމަށް ބެލުމަށް އަސާސީ އުސޫލުގައި އޮންނާނެކަމަށާއި، ނަމަވެސް އާރަށު މައްސަލައިގައި މުއްތަހަމަށް ހުކުމްކޮށްފައިވަނީ އެއީ ކުށްވެރިއެއްކަމަސް ބަލައިގެން، މުއްތަހަމަސް ޝައްކުން ލިބޭ ހުރިހާ ފައިދާއެއް އެކަހެރިކޮށްގެން ކަމަށް ޑރ. ޖަމީލް ފާހަގަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button